ބޭރުގެ އެކުވެރި ގައުމުތަކާއެކު ރާއްޖެއިން ބާއްވާ ގުޅުންތަކަކީ ވަކި ޕާޓީއެއްގެ ސިޔާސީ މަސްލަހަތަށްވުރެ އިސްކުރަންޖެހޭ ގައުމީ ގުޅުމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އެކުވެރި ގައުމުތަކާއި ރާއްޖޭގެ ޒަމާންވީ ތަރައްގީގެ ބައިވެރިން، ރާއްޖޭގެ އެތެރޭގެ ސިޔާސީ ވާދަވެރިކަމާއި ޕާޓީ ސިޔާސަތުގެ ތެރެއަށް ވެއްދުމަކީ ދިވެހި ގައުމަށް އެންމެ ފައިދާހުރި އަދި ރަނގަޅު ގޮތް ނޫން ކަމަށެވެ. 

މިއީ  ގައުމީ މަސްލަހަތު އޮތް ކަމެއް ނޫންކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، އެކަން ރާއްޖޭގެ ތަޖުރިބާއިން އެކަން ވަރަށް ސާފުކޮށް އެނގިފައިވާ ކަމަށާއި، ބޭރުގެ ފަރާތްތަކާ އެކު އޮންނަ ގުޅުމަކީ ވަކި ސިޔާސީ ޕާޓީއެއްގެ ކަންކަމަށްވުރެ މަތީގައި ބާއްވަންޖެހޭ މުހިންމު ގުޅުމެއް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ ހައިސިއްޔަތުން އަބަދުވެސް ކުރިމަތިލުން އޮންނަންވާނީ ސީދާ ސަރުކާރާ އެކުގައި ކަމަށް ޝާހިދު ވިދާޅުވި އެވެ. 

މީގެއިތުރުން، އިދިކޮޅުން ދެކޮޅުހަދަނީ މިހާރުގެ ސަރުކާރުގެ ދެފުށް ނުފެންނަ ސިޔާސަތުތަކާއި، އަޑިއަޑިން ހިންގާ ނޭއްގާނީ މުއާމަލާތްތަކުގެ އިތުރުން ގައުމީ މަސްލަހަތަށް ގެއްލުންހުރި ސިޔާސަތުތަކަށް ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ސަރުކާރުގެ ކޮރަޕްޝަނާއި، ސިޔާސަތުތައް ތަކުރާރުކޮށް ބަދަލުކުރުމާއި، ރައްޔިތުންނަށް ވެފައިވާ ވައުދުތަކާ ޚިލާފުވުމާ ދެކޮޅަށް އަޑު އުފުލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، އެހެން ގައުމުތަކާއެކު އޮތް ޒަމާންވީ އެކުވެރިކަމަށް އެއްވެސް ބުރޫއެއް އެރިޔަނުދީ، ގައުމުގެ މަސްލަހަތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ދެމިތިބޭނެ ކަމަށެވެ.