ދިވެހިރާއްޖެއާ ފޯޅަވައްސާ ދެމެދު ކަނޑުގައިވާ ކަނޑުގެ ސަރަހައްދު އަދި ކޮންޓިނެންޓަލް ޝެލްފްގެ އިންތައް ކަނޑައެޅުމަށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި ދިވެހިރާއްޖެއަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންވެފައިވާކަމަށް ބުނެ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ލިބިދޭ އިޚުތިޔާރުގެ ދަށުން، "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ދިވެހިރާއްޖެއިން އަމަލުކުރި ގޮތް ތަހުޤީޤުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ކޮމިޝަން" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކޮމިޝަނެއް އުފައްދަވައިފި އެވެ.

މިފަދަ ކޮމިޝަނެއް އުފެއްދެވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާނުކުރައްވާފަ އެވެ.

މި ކޮމިޝަން އުފައްދަވާފައިވަނީ މޮރިޝަސްގެ ފަރާތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅައިގެން ކުރިއަށްދިޔަ މައްސަލަ ދިރާސާކޮށް ރާއްޖެއިން ކުރިޔަށްދާނޭ ގޮތެއް ހޯދުމަށް އައްޔަނުކުރެވުނު ބައިނަލްއަޤްވާމީ ޚަބީރުންގެ ރިޕޯޓުތަކުގައި ރާއްޖޭގެ ސަރަހައްދުން ބޮޑު ސަރަހައްދެއް ގެއްލިގެން ދިޔައީ، ދިވެހިރާއްޖެއިން ކަންކުރިގޮތުން ކަމުގައި ލަފާދެއްވާފައިވާތީ، އަދި މިއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑުގެ އަދި ކަނޑުއަޑީގެ ބިމުގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމަކަށްވާތީ މި މައްސަލަ ބައްލަވައި ފިޔަވަޅު އެޅުއްވުމުގެ ގޮތުންކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މިކޮމިޝަނުގެ މެންބަރުންގެ ގޮތުގައި އައްޔަނުކުރައްވާފައިވަނީ:

1. އަލްއުސްތާޛު އަހްމަދު ޝާކިރު (ނ.ދ.ޝ.އ)

2. އަލްފާޟިލް އަބްދުލްއަޒީޒް ޔޫސުފް

3. ޑރ. އާމިނަތު ޝާފިޔާ އާދަމް

4. ޑރ. އަބްދުލްމުހްސިން މުހައްމަދު

5. ޑެޕިޔުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރޓޑ) މުހައްމަދު ސާދިޤް

6. އަލްފާޟިލް އަހްމަދު އަލީމަނިކު

7. އަލްއުސްތާޛާ ފާތިމަތު މިންހަތު އިއްޒަތު އެވެ.

މި ކޮމިޝަނުގެ ރައީސްކަމަށް ކަނޑައަޅުއްވާފައިވަނީ އަލްއުސްތާޛް އަހްމަދު ޝާކިރު (ނ.ދ.ޝ.އ) އެވެ.

ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ހަމަޖައްސަވާފައިވަނީ "އިޓްލޮސްގެ ކޭސް ނަންބަރު 28" ގެ މައްސަލަ ހުށަހެޅުމާ ހަމަޔަށް އަދި މި މައްސަލައިގެ މައުޟޫއު އެގޮތުގައި ހުށަހެޅި ކުރިޔަށްދިޔަ ގޮތުގައްޔާއި، މައްސަލައަށް ދިވެހިރާއްޖެއިން ޖަވާބުދާރީވުމުގައި، އަދި މައްސަލައާ ގުޅުންހުރި ވަށައިގެންހުރި އެންމެހައި ކަންކަމުގައި، ދިވެހި ދައުލަތުގެ މުވައްޒަފުންނާއި، ލަފާދިން ފަރާތްތަކާއި، ދައުލަތުގެ ފަރާތުން ސީދާގޮތުންނާއި ނުސީދާގޮތުން ޝާމިލުވި އެންމެހައި މަސްއޫލުވެރީންނާއި، އިޚުތިޔާރާއި ބާރުތައް ލިބިގެންވީ އެންމެހައި ފަރާތްތަކުން އަމަލުކޮށްފައިވާ ގޮތް ބަލައި ތަހުޤީޤުކުރުމެވެ.

މީގެ އިތުރުން، އެ ފަރާތްތަކުގެ ޤާނޫނީ އިހުމާލެއް އޮތްތޯ ބަލައި ގޮތެއް ކަނޑައެޅުމާއި، ޤާނޫނީ އިހުމާލެއްވާ ނަމަ، އެ ކަންކަން ބަލައި، އެ ފަރާތްތަކުގެ ޤާނޫނީ އިހުމާލުގެ އިންތައް ކަނޑައެޅުންވެސް މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނިފައިވެ އެވެ. 

އަދި  ޒިންމާކުރުވަންޖެހޭ ފަރާތްތަކާމެދު އެޅުމަށް ކޮމިޝަނަށް ފެންނަ ފިޔަވަޅުތައް ކަނޑައެޅުމާއި، ކޮމިޝަނުގެ ތަހުޤީޤަށް ހޯދޭ ކަންކަމުގެ އަލީގައި ކުރިޔަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުނުވާނެ ފަދައަކުން ކަންކަން އިންތިޒާމުކުރުމަށް ކޮމިޝަނަށް ފެންނަ ކަންކަން ހުށަހެޅުންވެސް ޒިންމާތަކުގެ ތެރޭގައި ހިމެނެ އެވެ. 

މި ކޮމިޝަނަކީ ކޮމިޝަނަށް މަތިކޮށްފައިވާ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމާ ހަމަޔަށް ދެމިއޮންނާނޭ ކޮމިޝަނެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ބަޔާންކޮށްފައިވެ އެވެ.