ށ. ފީވަކު ސްކޫލު އެޅުމަށް ދީފައިވާ ބިމުގައި އޮތް
ފެންގަނޑު ކުރިއަށްވުރެ ބޮޑުވުން ނޫން އިތުރު އަޕްޑޭޓެއް އެ މަޝްރޫއާ ގުޅިގެން
ނެތްކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ފީވަކު ސްކޫލުގެ މަސައްކަތާ ގުޅޭގޮތުން އެރަށު
ކައުންސިލުން ރާއްޖެޓީވީއާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މިއީ މިދިޔަ ސަރުކާރުގައި
ހަވާލުކޮށްފައި އޮތް މަޝްރޫއެކެވެ. އެ ވަގުތު މަޝްރޫއު ހަވާލުކުރީ ހަމައެކަނި މަލްޓި
ޕަރޕޯސް ހޯލެއް އެޅުމަށް ކަމަށާއި އަދި ފަހުން ސްކޫލު އެތަނަށް ރިލޮކޭޓު ކުރާ ގޮތަށް
51،600 އަކަފޫޓުގެ ބޮޑު ބިމެއް ދީފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

އެ ބިން ދީފައި އޮއްވައި މި ސަރުކާރު އައިސް މި
މަޝްރޫއުގެ ބިންގާ އަޅާފައިވާ ކަމަށާއި ނަމަވެސް މި ސަރުކާރުން ކުރަހާފައި އޮތް ކުރެހުމަށް
އެތަން ހަދާކަމުގައިވާނަމަ ބިން އިތުރުކުރަންޖެހޭ ކަމަށް ކައުންސިލުން ހާމަކުރެ އެވެ.
އެހެންކަމުން ރައްޔިތުންގެ ބައްދަލުވުމެއް ބޭއްވުމަށްފަހު ސަރުކާރުން ބޭނުންވާ ވަރަށް
މިހާރު ބިންވެސް އިތުރުކޮށްދީފައިވާ ކަމަށާއި އަދި އެ ކުރެހުން މިހާރު ފާސްކުރަންވެސް
ފޮނުވާފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.

މިދިޔަ ވެރިކަމުގައި މަލްޓި ޕަރޕޯސް ހޯލުގެ ގިނަ
މަސައްކަތްތަކެއް ކޮށްފައި ވަނިކޮށް ވެރިކަން ބަދަލުވި ކަމަށާއި ނަމަވެސް މި ވެރިކަން
އައުމަށްފަހު މިހާރު މި މަސައްކަތް ކުރިއަކަށް ނުދާ ކަމަށް ކައުންސިލުން ފާހަގަކުރެ
އެވެ.

މި މަޝްރޫއު ހުއްޓިފައި އޮތުމުގެ ސަބަބުން މަސައްކަތަށް
ދީފައިވާ ބިމުގައި އޮތް ފެންގަނޑު ބޮޑުވަމުން އަންނަކަން ކައުންސިލުން ފާހަގަކުރެ އެވެ.
މިއީ ރައްޔިތުންނަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް
ރައްޔިތުން ވަރަށް ބޮޑަށް އެދިފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.