ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު 1 ސަރަހައްދުގައި
ހުރި ކެފޭއެއްގައި ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފަސް މީހަކަށް
އެކިވަރުގެ އަނިޔާތައް ލިބިއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ،
މި ހާދިސާ ހިނގާފައިވަނީ ރުއްގަނޑު 1 ކައިރީގައި ހުންނަ ކެފޭއެއްގެ ބަދިގޭގައި ބޭނުންކުރާ
ގޭސްފުޅިއެއް ގޮވައިގެން ކަމަށެވެ.
މި ހާދިސާގައި އެކިވަރުގެ އަނިޔާވި ފަސް މީހުންގެ
ތެރެއިން ހަތަރު މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ ހުޅުމާލެ ހޮސްޕިޓަލަށް
ގެންގޮސްފަ އެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން މިހާރު ދަނީ
ހަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ
ކަމަށާއި، އިތުރު މައުލޫމާތު ލިބެމުންދާ ވަރަކަށް އާންމުންނާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.
މިފަހަކަށް އައިސް މާލެ ސަރަހައްދުގެ ކެފޭ ރެސްޓޯރަންޓްތަކުގައި
ގޭސްފުޅި ގޮވުމާއި އަލިފާނުގެ ހާދިސާތައް ހިނގުން ވަނީ އިތުރުވެފަ އެވެ. އެހެންކަމުން
ގޭސް ބޭނުންކުރުމުގައި ސަލާމަތީ ފިޔަވަޅުތަކަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން
އަބަދުވެސް އިލްތިމާސް ކުރެ އެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން އިތުރަށް ބުނީ، ފުލުހުންނާ ސިފައިން ސީންއަށް އެޓެންޑުވިއިރު އަލިފާންގަނޑު ނިވާލާފައިވާ ކަމަށާއި، މި ހާދިސާގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވަނީ އެ ކެފޭގައި މަސައްކަތްކުރާ 4 ބިދޭސީއަކަށް ކަމަށެވެ. އެމީހުންނަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާކަމަށް މައުލޫމާތު ލިބެ އެވެ.
މީގެ އިތުރުން، އެއްވެސް ކަސްޓަމަރަކަށް ގެއްލުންވެފައި ނުވާ ކަމަށާއި، ކެފޭގެ އިމާރާތާއި ބަދިގޭގައި ހުރި އެއްވެސް މުދަލަކަށްވެސް ގެއްލުމެއް ލިބިފައިނުވާކަން ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ.