ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ
ހަރަކާތްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްޓަކައި ޖުމްހޫރީ މައިދާނާއި
އެ ސަރަހައްދުގެ ވަށައިގެންވާ މަގުތަކާއި ފަޅުތެރެ ވަކި ގަޑިތަކެއްގައި ބަންދުކުރުމަށް
ދިވެހި ފުލުހުންގެ ޚިދުމަތުން ނިންމައިފި އެވެ.

ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި 2026
އޮކްޓޫބަރު 31 އިން 2026 ނޮވެމްބަރު 2 ވަނަ ދުވަހުގެ ނިޔަލަށް ޖުމްހޫރީ މައިދާން ހިމެނޭ
ސަރަހައްދުގެ ޓްރެފިކަށް ބަދަލުތައް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.

ފުލުހުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން ހަވީރު
15:30 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ
މަގުތައް އާންމު ދަތުރުފަތުރަށް ބަންދުވާނެ އެވެ. އަދި ހަވީރު 15:00 އިން ފެށިގެން
ފަރިތަކުރުންތައް ނިމެންދެން އެ ސަރަހައްދުގެ ފަޅުތެރެ އާންމު ދަތުރުފަތުރަށް ބަންދުވާނެކަމަށް
ފުލުހުން ބުނެ އެވެ.

ބަންދުކުރުމަށް ހަމަޖެހިފައިވާ މަގުތަކުގެ ތެރޭގައި
މަސް މާރުކޭޓު ސަރަހައްދުން ފެށިގެން ރައީސް އޮފީހާ ހަމައަށް އަދި އިސްލާމީ މަރުކަޒުން
ފެށިގެން ރައީސް އޮފީހާ ހަމައަށް މަގުތައް ހިމެނެ އެވެ. މި މަގުތައް އެ ވަގުތުތަކުގައި
އާންމު ދަތުރުފަތުރަށް ބަންދުވާނެ އެވެ.

އޭގެ އިތުރުން އެ ސަރަހައްދުގެ ފަޅުތެރެއާއި ފަޅުން
ފެށިގެން ކަނޑުގެ 400 މީޓަރާ ހަމައަށް ވެސް ބަންދުވާނެކަމަށް ފުލުހުން ހާމަކުރި އެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު
ވެސް ޖުމްހޫރީ މައިދާނުގައި ބޮޑެތި ހަރަކާތްތައް ބާއްވަމުން އަންނައިރު، މި ހަރަކާތްތަކަށް
ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ އެވެ.

ފުލުހުންގެ ޚިދުމަތުން އެދެނީ އެ ވަގުތުތަކުގައި
އެ ސަރަހައްދުގައި ދަތުރުކުރާ ފަރާތްތަކުން ފުލުހުންގެ އިރުޝާދުތަކަށް ފުރިހަމައަށް
ތަބާވެދިނުމަށާއި ހަރަކާތްތަކުގެ ކުރިއަށްދިއުމަށް އެއްބާރުލުން ދިނުމަށެވެ.