ބޭރުގެ މަހުޖަނެއްގެ ނުފޫޒު ދިވެހި ދައުލަތަށް މިހާ ބޮޑަށް ފޯރި މަންޒަރެއް ކައިރި މާޒީއެއްގައި ވެސް ފެނިފައިނުވާ ކަމަށާއި، މިއީ ވަރަށް ބިރުވެރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި މެންބަރު މީކާއިލް ވަނީ ރަސްމާލެ މަޝްރޫއު އީގަލް ހިލްސްއަށް ދާއިމީކޮށް ދީފައިވާ ކަމަށް ބުނާ މައްސަލައަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ، ކުރިން "އިންޑިއާ އައުޓް" ބެނާތައް އަޅައިގެން ނުކުތް ބޭފުޅުން މިހާރު ދައްކަވާ ވާހަކަތަކާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ބޭރުގެ ފަރާތްތަކުގެ ނުފޫޒުން، ގާނޫނު އަސާސީ ބަދަލުކޮށް، 24 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ބަދަލު ގެންނަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.
ރައީސް މައުމޫނު އިރުވެސް، ރައީސް ނަޝީދު އިރުވެސް، ޔާމީނު އިރުވެސް، އިބްރާހީމް މުހައްމަދު ސާލިހުގެ އިރުވެސް އެއްވެސް ވެރިއަކު އެ މީހުންގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ބަދަލު ނުކުރާ ވަރަށް ގާނޫނުތައް އެބަ ބަދަލުކުރައްވާ. އަލަށްބާރުގެ ބުނުމަކަށް ރައްޔިތުންގެ މަޖިލީހުގެ ގާނޫނުތައް ބަދަލުކުރާ ހިސާބަށް ދިޔައިމާ އަޅުގަނޑުމެން އެބަ ވިސްނާލަންޖެހޭމީކާއިލް އަހުމަދު ނަސީމް
މީގެ އިތުރުން މަޖިލީހުގައި ގަރާރު ހުށަހެޅުމުގެ އުސޫލުތަކަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރައްވައި މެންބަރު މީކާއިލް ވިދާޅުވީ، އެއީ މަޖިލީހުގައި ތިއްބެވި މަދު މެންބަރުންނަށް ވާހަކަދެއްކުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރަސްމާލެ މަޝްރޫއުތަކުގެ ފަހަތުގައި ފޮރުވިފައިވާ ކަންކަމާއި، ރައްޔިތުންނަށް ލިބިދާނެ ގެއްލުންތައް ވަރަށް ބޮޑުކަން ހާމަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއީ ވަކި ޕާޓީއަކާ ނުވަތަ ވަކި ފިކުރަކާ ގުޅިފައިވާ މައްސަލައެއް ނޫންކަން ފާހަގަކުރައްވައި މެންބަރު މީކާއިލް ވަނީ، ގައުމަށް ހެޔޮއެދޭ ހުރިހާ ފަރާތްތަކުން ސިޔާސީ ޚިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، ގައުމުގެ މުސްތަގުބަލާއި ދަރިންގެ ހައްގުގައި މި މައްސަލައިގައި އަޑުއުފުލުމަށް ގޮވާލައްވާފަ އެވެ.