މިއަދުގެ ސަރުކާރުން ދިވެހި ގައުމިއްޔަތާ ކުޅެ، އެ ގައުމިއްޔަތު ވެއްޔާ މޮޑެ ފުނޑާލަން މަސައްކަތް ކުރަމުންދާތީ އެކަމާ ދެކޮޅަށް މަގުމައްޗަށް ނުކުންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، މިއަދު މަގުމައްޗަށް ނުކުމެ ތިބީ މަދު ބަޔަކު ނަމަވެސް، އެ އެންމެންވެސް ތިބީ ގައުމިއްޔަތު ދިފާއުކުރުމުގެ ފުރިހަމަ ހިތްވަރާއެކުގައި ކަމަށެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގެން ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމިއްޔަތު ނައްތާލުމަށް ކުރައްވާ މަސައްކަތްތަކާ ދެކޮޅަށް އަޑުއުފުލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެއިތުރުން އަލީ ހުސައިން ވަނީ  ސްކޫލް ދައުރުގައި ދިވެހި ގައުމިއްޔަތުގެ ރުކުންތަކާ ގުޅޭގޮތުން މުދައްރިސަކާ ދެމެދު ދެކެވުނު ވާހަކަތަކުގެ ހަނދާން އައުކުރައްވާފަ އެވެ.

އަލީ ހުސެއިން ވިދާޅުވީ، ދިވެހި ގައުމިއްޔަތުގެ ރުކުންތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތުންނާއި، ދިވެހި ބަހާއި، ތާރީޚާއި ސަގާފަތް އަދި އިސްލާމްދީން ކަމަށް ބުނެދިން ނަމަވެސް، ދިވެހި ބިމަކީ ގައުމިއްޔަތުގެ ވަކިނުކުރެވޭނެ އެންމެ މުހިންމު އެއް އަސާސް ކަމަށެވެ. 

އަޅުގަނޑު ޖަވާބުގައި ބުނިން ބުނަންހޭ، ދިވެހި ގައުމިއްޔަތުގެ އެންމެ މުހިންމު އެއް ރުކުނެއް އެއީ ދިވެހި ބިން. ދިވެހި ބިމަކީ އެއީ ދިވެހި ގައުމިއްޔަތުގެ އެންމެ މުހިންމު އެއް ރުކުނެއް. އިސްލާމްދީނާއި، އިސްލާމްދީނަށް ފަހު ދިވެހި ގައުމިއްޔަތުގެ އެންމެ މުހިންމު ރުކުނަކީ ދިވެހި ބިން
އަލީ ހުސެއިން

ދިވެހި ބިމަކީ ދިވެހި ގައުމިއްޔަތުގެ ފުރިހަމަ ބައެއްގެ ގޮތުގައި ދަމަހައްޓަންޖެހޭކަން ފާހަގަކުރައްވައި އަލީ ހުސެއިން ވިދާޅުވީ، މަގުމަތީގެ ހަރަކާޓްތައް އިތުރުކޮށް މިއަޑު ސަރުކާރަށް އިއްވަން ޖެހޭ ކަމަށެވެ.