ރަސްމާލެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި "ކަޓު" ނަގައިގެން ފައިސާ ހޯދަން ހިންގާ ޖަރީމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހުގެ ރޭ "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަދައްކަވަމުން މެންބަރު މައުރޫފް ވަނީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން "ދިމްޔާތުގައި" ހުންނަވަނިކޮށް ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް މީހަކު ވެރިކަން ކޮށްދޭނެ މީހަކު ނުވެގެން ރައީސް މުއިއްޒު ހޯދައްވަން ނުދާ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒުއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަަ އެވެ. 

އެގޮތުން މެންބަރު މައުރޫފް ވިދާޅުވީ ރައީސް މުއިއްޒު ނުކުންނެވީ އަމިއްލަފުޅަށް ކަމަށާއި ވެރިކަމަށް ވަޑައިގަތީ ދިވެހި ރައްޔިތުންނަށް އެތަށް ވައުދެއް ވެގެން ކަމަށެވެ. ނަމަވެސް ވެރިކަމަށް 3 އަހަރު ވެގެންދާއިރު އިނގިގެން ދިޔަކަމަކީ ރައީސް މުއިއްޒުއަކީ ދިވެހި ރައްޔިތުން ދެކެ ލޯބިވާ މީހެއް ނޫން ކަން ކަމަަށް މެންބަރު މައުރޫފް ވިދާޅުވި އެވެ. 

ކިތައް ދޮގުތޯ ރައްޔިތުންނަށް މިހާތަނަށް ހަދާފައި އޮތީ، ރައްޔިތުންނަށް ބޭސްފަރުވާއަށް ސަލާން ޖަހަން ނުޖެހޭނެ ކަމާއި ރައްޔިތުންނަށް ގޯތި ގެދޮރު ލިބޭނެ ކަމާއި ރައްޔިތުން ހާލުގައި އުޅެން ނުޖެހޭނެ ކަމާއި ރައްޔިތުން ބޭނުންވާ ކާބޯތަކެތީގެ އަދި އަސާސީ ތަކެތީގެ އަގު މައްޗަށް ނާރާނެ ކަމާއި ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމާއި ރައްޔިތުން އުފަލުގައި އުޅޭނެ ކަމަށް މީނާ ކޮންމެ ރިޔާސީ ބަޔާނެއްގައި އަދި ކޮންމެ މައިކެއް ލިބޭ ކޮންމެ ފަހަރަކު ދިވެހި ދިދަޔާއި ކުރިމަތިލާ ހުރެވެސް އެ ވާހަކަ ދައްކައިފި 
މައުރޫފް ޒާކިރު

ނަމަވެސް މިއަދު މުއިއްޒުއަކީ ފާޅުގައި ދޮގު ހައްދަވާ މީހެއްކަން އިނގޭ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.

މިސަރުކާރުން ދިވެހީންގެ ދަރީންނާއި ދަރިންގެ ދަރިންގެ މުސްތަގުބަލު ގެއްލުވާލަމުން ދަނީ ޔަހޫދީން ދިވެހިރާއްޖޭގައި އާބާދުކުރަން ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ. 

މިއީ ދިވެހި ރައްޔިތުންނަށް ހެޔޮ އެދިގެން މި ގައުމަށޤ ހެޔޮ އެދިގެން ހިންގާން އުޅޭ ކަމެއް ނޫން މިއީ ސީދާ މިދެންނެވި މުހައްމަދު މުއިއްޒު ދެން އަންނަ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކަޓު ނަގައިގެން ބޮޑު އަދަދެއްގެ ފައިސާ ނަގައިގެން ހިންގާ ޖަރީމާއެއް މިކަމުގައި ދިވެހި ރައްޔިތުން ނޫނެކޭ ބުނަން އަޅުގަނޑު އިލްތިމާސްކުރަން. 
މައުރޫފް ޒާކިރު

މީގެ އިތުރުން، އިޒްރޭލުގެ މީހުންނަށް ދިވެހިރާއްޖެއިން ބިމެއް ދޫކޮށްލަން ފުރުސަތު ދީގެން ނުވާނެ ކަމަށާއި ދިވެހީން އެކަން ކުރަން ދޫކޮށްނުލާނެ ކަން ދައްކަން ޖެހޭ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ.