ރިސޯޓެއް ހެދުމަށްޓަކައި ނެގި ލޯނެއްގެ މައްސަލައިގައި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ކުރައްވާފައިވާ ތުހުމަތު ތަކަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރައްދު ދެއްވައިފި އެވެ. 

"އަދަދު" ނޫޙުން ގެނަސްދިން އިންޓަރވިއު އެއްގައި ފައްޔާޒް ވިދާޅުވީ ޝަފީގަކީ އަޅުގަނޑު ވަރަށް އިހުތިރާމް ކުރާ ބޭފުޅެއް ކަމަށެވެ. އަދި ރިސޯޓެއް ހެދުމަށްޓަކައި ނެގި ލޯނަކާ ގުޅިގެން ސޯޝަލް މީޑިއާގައި ޝަފީގް ދައްކަވާފައިވާ ބައެއް ވާހަކަތަކަކީ ހަގީގަތެއް ކަމަށާ އަނެއްބައި ވާހަކަތަކަކީ ޝަފީގަށް ހަނދާނުން އެހެން ގޮތަކަށް ވިސްނިގެން ދައްކަވާފަ ހުރި ވާހަކަތަކެއް ކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.  

އެ ޕްރޮޖެކްޓަކީ އެއްވެސް އިރެއްގައި ފައްޔާޒު ގެ ހިއްސާ އެއް އޮތް ޕްރޮޖެކްޓެއް ނޫންކަން ފާހަގަ ކުރައްވާ ފައްޔާޒް ވިދާޅުވީ އެ ޕްރޮޖެކްޓުގައި އޭނާ ގެ މަސްލަހަތު ކޮންމެވެސް ވަރަކަށް އޮންނަ ކަމަށެވެ. 

އެ ވިދާޅުވާ ޕްރޮޖެކްޓަކީ އެއްވެސް އިރެއްގަ އަޅުގަނޑުގެ ހިއްސާ އެއް އޮތް ޕްރޮޖެކްޓެއް ނޫން. އެހެން ނަމަވެސް އެކި ގޮތްގޮތުން އަޅުގަނޑުގެ މަސްލަހަތު ކޮންމެވެސް ވަރަކަށް އޮތް ޕްރޮޖެކްޓެއް. މިހާރު ވެސް އޮވޭ. ޝަފީގު އެ ދެންނެވި ފަދައިން އެ ޕްރޮޖެކްޓު ހިންގުމަށް އެ ލޯނު ނެގުމުގައި ހަމަ އެ ވިދާޅުވާހެން ވަރަށް ޔަންގް ބަޔަކު އެ ޕްރޮޖެކްޓް އައިގެން ކުރިއަށް ދިޔައީ. އެ މީހުންނަށް އެކަނި އެ ހަލާތަކުގައި ލޯނު އެކަނި ދިނުމުގައި ބޭންކުގެ ރިކުއެސްޓެއް އައީ ފައިނޭންޝަލީ ވަރުގަދަ ކޮންމެވެސް ގެރެންޓަރ އެއް ބޭނުންވާނެ އޭ. ދެން ޝަފީގު އެ ދެއްވި ގެރެންޓީ އަކީ އަޅުގަނޑަށް ޝަފީގު ދެއްވި ގެރެންޓީ އެއްވެސް ނޫން އަދި އަޅުގަނޑު އެދުނު ކަމެއް ވެސް ނޫން. އެ ޕްރޮޖެކްޓުގައި މައި ހިއްސާދާރަކީ ޝަފީގު ގެ ވަރަށް ގާތް ބޭފުޅެއް. ޝަފީގު އެބޭފުޅާ އަށް ކޮށްދެއްވި ކަމެއް އެ ގެރެންޓީ އަކީ. 
ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް

ފައްޔާޒް އިސްމާއިލް އަދަދު ނޫހަށް ދެއްވި އިންޓަރވިއު

ފައްޔާޒު ވިދާޅުވީ އެ ގެރެންޓީ އަކީ އެ ޕްރޮޖެކްޓުގައި ހިމެނޭ ހިއްސާދާރަކަށް ޝަފީގް ދެއްވި އެހީއެއް ކަމަށެވެ. އަދި އެނގިފައިވާ ގޮތުގައި އެ ގެރެންޓީގެ ބަދަލުގައި އޭނާ އަށް އެ ޕްރޮޖެކްޓުގެ ހިއްސާ އެއްވެސް ލިބޭ ގޮތަށް އެއްބަސްވި ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެހެން ނަމަވެސް އެ މަޝްރޫއުގެ ބޮޑު ބައެއް ނިމިފައި ވަނިކޮށް ޕްރޮޖެކްޓު ފެއިލްވީ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ. 

ވިޔަފާރީގެ ބައެއް މަޝްރޫއުތަކަކީ ބައެއްފަހަރު ފެއިލް ވާ ކަންކަން ހުނަކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ އެކަމުގެ ގެއްލުން ހުރިހާ ފަރާތްތަކަށް ވެސް ލިބުނު ކަމަށެވެ. އަދި އެ މައްސަލައިގައި ޝަފީގް ދެއްކެވި ވާހަކައާއި ބެހޭގޮތުން އޭނާ އާއި ބައްދަލުކުރައްވާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ. ފައްޔާޒު ތަކުރާރު ކޮށް ވިދާޅުވީ އެ މަޝްރޫއަށް ޝަފީގް ދެއްވި ގެރެންޓީ އަކީ ފައްޔާޒް ވިދާޅުވެގެން ދެއްވި ގެރެންޓީ އެއް ނޫން ކަމަށާ އެއްވެސް މީހަކު އޭނާ އަށް މަޖުބޫރު ކޮށްގެން ދިން ގެރެންޓީ އެއް ވެސް ނޫން ކަމަށެވެ.