ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެއްސެއްގެ އަތުގައި އޮތް އާއިލާ މެންބަރެއްގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިފެހެއްޓި މައްސަލައެއް ފެންމަތިވެއްޖެ އެވެ. 

މި ހާދިސާ ދިމާވެފައި ވަނީ ބުރާސްފަތި ދުވަހުގެރޭ ސިންގަޕޫރަށް ފުރުމަށް އެއާޕޯޓަށް ދިޔަ ދަތުރުވެރިޔަކަށެވެ.

މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް، އެ ފަރާތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ބުނީ، އޭނާގެ އަތުގައި އޮތް އޭނާގެ ދައްތަގެ ބީއެމްއެލް ކާޑު ކަސްޓަމްސް އިން ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެއީ އެހެން މީހުންގެ ނަމުގައި އޮންނަ ކާޑު ހިފައިގެންދާނަމަ ހިފެހެއްޓުމަށް ބީއެމްއެލް އިން އަންގާފައިވާތީ ކުރި ކަމެއް ކަމަށް ކަސްޓަމްސްގެ އޮފިސަރުން ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ކަސްޓަމްސްގެ އޮފިޝަލުން މުއާމަލާތުކުރި ގޮތާމެދު ވެސް އޭނާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ފާހަގަކުރި ގޮތުގައި، ކަސްޓަމްސް އިން ބުނެފައިވަނީ ރާއްޖެ އިން ބޭރަށް ފުރާ މީހުން އަތުގައި އޮންނަ ކާޑުތައް ރެންޑަމްކޮށް ޗެކްކުރުމަށް ބީއެމްއެލް އިން އެދިފައިވާ ކަމަށެވެ.

އޭނާ ކިޔައިދިން ގޮތުގައި ކަސްޓަމްސް އިން އެއަރޕޯޓްގައި ހުންނަ ބޭންކުގެ އޮފީހަށް ގުޅުމުން ބޭންކުގެ މުވައްޒަފުން އައިސް އޭނާގެ ދައްތަ ކާޑު ނެގުމަށް ފަހު ދެން އެ ކާޑު ނުލިބޭނެ ކަމަށް ބުނެ ދެން ކުރާނީ ކެންސަލް ކަމަށް އެ މުވައްޒަފުން ބުނި ކަމަށް ވެސް އޭނާ ކިޔައިދިނެވެ. 

ނަމަވެސް، މިއީ އާންމުކޮށް މިފަދަ ދަތުރުތަކުގައި ކަންކަން ހިނގާ އުސޫލު ނޫންކަން ފާހަގަކޮށް އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިހާރު އުސޫލު އޮންނަ ގޮތުން ރާއްޖެއިން ބޭރުގައި އެހެން މީހެއްގެ ކާޑު ބޭނުން ނުކުރެވޭ ކަމަށާއި، މިގޮތަށް އަމަލުކުރަންޖެހޭ ގޮތް ނުވިސްނޭ ކަމަށް އޭނާ ބުންޏެވެ. 

މީގެއިތުރުން، އެ މައްސަލައިގައި އޭނާގެ ދައްތަ ބީއެމްއެލްގެ ކަސްޓަމަރ ސަރވިސްއަށް ގުޅައިގެން ވާހަކަދެއްކުމުން ވެސް ކާޑު ނުލިބޭނެ ކަމަށް ބޭންކުން ބުނި ކަމަށާއި ދެން ޖެހޭނީ އައު ކާޑެއް ހަދަން ކަމަށް ބޭންކުން ބުނެފައިވާ ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ބަހެއް ހޯދުމަށް ގުޅުމުން އެ ކުންފުނިން ބުނީ، ބޭންކުތަކުން ދޫކުރާ ކާޑުތަކަކީ އެދޫކުރާ ބޭންކެއްގެ މިލްކިއްޔާތަކަށް ވާތީ، އެ ބޭންކަކުން އެދިއްޖެ ހާލަތެއްގައި އަނބުރާ ހަވާލުކުރަންޖެހޭނެ ކަމަށެވެ. އަދި މި ކާޑުތައް ދޫކުރެވެނީ ހަމައެކަނި އެ ކާޑެއްގެ ވެރިފަރާތުގެ އަމިއްލަ ބޭނުންތަކަށް ކަމަށްވާތީ، ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރަށް ގެންދަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާ ކާޑުތައް ބޭންކުތަކާއި ހަވާލު ކުރާ ކަމަށެވެ.

މިފަދަ ކަންކަން ސަމާލުކަމަށް އައުމުން، ކަމާގުޅޭ އެކައުންޓުތައް ބަލައި ތަހުގީގުކުރުމަށްފަހު، މި ބޭންކުގެ ސިޔާސަތުތަކާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް މި ބޭންކުން އަޅަމުން ގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. 

ބީއެމްއެލް އިން ބުނީ، ކާޑާއި ޕިން ނަންބަރު އަދި ރައްކާތެރިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް، އާއިލާގެ މީހަކަށް ވިޔަސް އަދި އެހެން އެއްވެސް ތިންވަނަ ފަރާތަކާ ހިއްސާނުކުރުމަށާއި، ކާޑު އެހެން ފަރާތަކާ ހަވާލުނުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

ކާޑު ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އެ ކާޑުން ކުރެވޭ އެންމެހައި މުއާމަލާތްތަކުގެ ފުރިހަމަ މަސްއޫލިއްޔަތު އުފުލަންޖެހޭނީ ކާޑުގެ ވެރިފަރާތުން ކަމަށް ވެސް ބޭންކުން ވަނީ ބުނެފަ އެވެ.