ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަޠީފް، ކޮމަންވެލްތު އިސްވެރިންގެ 28 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ފުރާވަޑައިގަންނަވައިފި އެވެ.

އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ ގިނަ ދަންފަޅިތަކުގައި ބައިވެރިވެވަޑައިގެން، މުހިންމު ބަޔާންތައް އިއްވެވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ، ދުނިޔޭގެ އިގުތިސާދީ، ތިމާވެށީގެ އަދި ސަލާމަތީ ގޮންޖެހުންތަކާ ގުޅޭގޮތުން ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިން މަޝްވަރާކުރައްވައި، އެއްބާރުލުން އިތުރުކުރުމަށާއި، ވިލުންތެރިކަން ބިނާކުރުމަށާއި، ވިޔަފާރި ފުޅާކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމަށް މަޝްވަރާކޮށް ގޮތް ނިންމުމަށް، މެންބަރު ޤައުމަކަށް ލިބޭ މުހިންމު މަންސައެކެވެ.

މި އަހަރުގެ ބައްދަލުވުން ކުރިއަށްދާނީ "އެކްސެލެރޭޓިންގ ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯރ އަ ޕްރޮސްޕަރަސް ކޮމަންވެލްތު" މި ޝިއާރުގެ ދަށުންނެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާނީ މެންބަރު ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި، ދެމެހެއްޓެނިވި ވުނަކުރުމަށް ފުރުސަތު ފަހިކުރުމުގެ އިތުރުން، އެންމެންގެ ބައިވެރިވުން ހިމެނޭ އިޤްތިސާދީ ކުރިއެރުމެއް ހޯދުމަށެވެ. މި ބައްދަލުވުން ކުރިއަށްދާނީ އަންނަ ނޮވެންބަރު މަހުގެ 1 އިން 4 އަށެވެ.