ދިވެހި ރައްޔިތުންގެ ސިޔާދަތާ ގުޅިފައިވާ ބޮޑެތި މައްސަލަތަކުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ޖަމްއިއްޔަތުއްސަލަފަށް ލިބިގެން ނުވާ ކަމަށާއި، އެ ޖަމްއިއްޔާގެ ތާއީދަކަށް ދައުލަތުގެ ސިޔާދަތު ތަމްސީލުކުރާ ދިވެހި ރައްޔިތުން ބޭނުން ނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ޑރ. އަހްމަދު އަބްދުﷲ ދީދީ މިހެން ވިދާޅުވީ، ރަސްމާލެ މަޝްރޫއާ ގުޅިގެން ސަލަފު ޖަމްއިއްޔާއިން ޝަރުތުތަކަކާ އެކު ސަރުކާރުގެ ސިޔާސަތަށް ތާއީދުކުރާފަދަ މޭރުމަކުން ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރަސްމާލޭގައި ޣައިރު މުސްލިމުން ހިމެނޭހެން ބިދޭސީން ގަރުނަކަށް ފަހު ގަރުނަކަށް (ސެންޗަރީއަކަށް ފަހު ސެންޗަރީއަކަށް) ދެމިގެންދާ ގޮތަށް ވަޒަންވެރި ކުރުވުމަކީ، ފަސް އަހަރުގެ ދައުރަކަށް ވެރިކަން ހިންގުމުގެ ބާރު ރައްޔިތުން ހަވާލުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށާއި އެމަނިކުފާނުގެ ސަރުކާރަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫނެވެ. އަދި އެފަދަ ނިންމުމެއް ނިންމުމުގެ ބާރަކީ ހަމައެކަނި ދައުލަތުގެ ސިޔާދަތުގެ އަސްލު ވެރިން ކަމުގައިވާ ރައްޔިތުންނަށް ޚާއްސަވެގެންވާ ބާރެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން، މި މައްސަލައިގައި ސަލަފު ޖަމްއިއްޔާއިން ކޮށްފައިވާ  ޝަރުތުތަކަށް އިޝާރާތް ކުރައްވަމުން ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވީ، ސަރުކާރުން ކަށަވަރުކޮށްދިނުމަށް އެ ޖަމްއިއްޔާއިން އެދިފައިވާ ކަންކަމަކީ ހަގީގަތުގައި ސަރުކާރަށް ކަށަވަރުކޮށްދިނުން މުސްތަހީލު ކަންކަން ކަމުގަ އެވެ.

އަދި ސަލަފުގެ އިލްމުވެރިންގެ ކިބައިގައި އިޚްލާސްތެރިކަމެއް އޮތް ނަމަ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި މާތްވެގެންވާ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށް ސަރުކާރަށް ގޮވާލީސް ކަމަށް އެމަނިކުފާނު ވިދާޅުވި އެވ. ހަމައެއާއެކު، ދިވެހި ދައުލަތުގެ ސިޔާދަތާއި އިސްލާމީ ވަހުދަތު ގެއްލިގެން ހިނގައިދާނެ ފަދަ އެންމެހައި ކަންކަމުން ދުރުހެލިވެ، ދައުލަތަށާއި ރައްޔިތުންނަށް ޚިޔާނާތްތެރި ނުވުމަށް ރައީސް މުއިއްޒަށާއި ސަރުކާރަށް ނަސޭހަތްތެރިވެ ގޮވާލަން ޖެހޭނެ ކަމަށްވެސް ކުރީގެ އުއްތަމަ ފަނޑިޔާރު ވަނީ ބަޔާންކުރައްވާފަ އެވެ.

އިސްރާއީލާ ޒަޔަނިސްޓުންނަށް ވާގިވެރިވާ ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެ ވިއްކާލަން ސަރުކާރުން ނިންމި ނިންމުން ދިރާސާ ކުރުމަށްފަހު، އެހެން ދީންތަކުގެ މީހުން ރާއްޖޭގައި ވަޒަންވެރިވުމަށް ތާއީދުކޮށް ޖަމްއިއްޔަތުއް ސަލަފުން ވަނީ ބަޔާނެއް ނެރެފަ އެވެ. 

ރާއްޖޭގައި ބޭރުގެ އެހެން ދީންތަކުގެ މީހުން ވަޒަންވެރި ކުރުވުމުގެ ކުރިން ސަރުކާރުން ކަށަވަރު ކުރަންޖެހޭ 8 ކަމެއް ސަލަފުގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ. 

އެގޮތުން އިސްލާމީ ޝަހުސިއްޔަތާއި ގައުމީ ސިޔާދަތު ހިމާޔަތް ކުރުމާއި، ދައުލަތުގެ ސިޔާދަތާއި އިސްތިރާޖީ މިނިވަންކަން ހިމާޔަތް ކުރުން ހިމެނެ އެވެ. އަދި އާބާދީގެ އޮނިގަނޑަށް އަންނާނެ ބަދަލުތަކާއި ސަލާމަތީ ނުރައްކާތައް ދިރާސާކުރުމާއި، ދިވެހި ރައްޔިތުންނަށް އެންމެ މަތީ މަންފާ ލިބޭނެ އިގްތިސާދީ ތަރައްގީއަކަށް އަމާޒުހިފުމާއި، ދެފުށްފެންނަ ހާމަކަން ބޮޑު ސިޔާސަތެއް ގާއިމް ކުރުންހުޅުވާލެވިފައިވާ އިގްތިސާދެއް އޮތުން އަދި ގައުމީ އަސާސްތަކުގެ މެދުގައި ހަމަހަމަކަން ގާއިމް ކުރުމުގެ އިތުރުން، ދާއިމީ މޮނިޓަރިންގެ ނިޒާމެއް ގާއިމް ކުރުމާއި، އިޖްތިމާއީ އަސަރުތައް ވަޒަން ކުރުން ހިމެނެ އެވެ. 

ސަލަފުން މި މޭރުމުން ބަޔާނެއް ނެރެފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އާންމުންގެ މެދުގައިވެސް ތަފާތު ބަހުސްތަކާއި ކަންބޮޑުވުންތައް އަންނަނީ ފާޅުކުރެވެމުންނެވެ.