ފުލުހުންގެ ސުލޫކީ މިންގަނޑު ހިފެހެއްޓުމަށާއި، ޔުނީފޯމް އެޅުމުގެ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު އިލްތިމާސްކުރައްވައިފި އެވެ.
ކ. އަތޮޅުގެ ތިން ރަށަކަށް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ގުރައިދޫ، މާފުށި އަދި ގުޅީ ޕޮލިހުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ސީޕީ ވިދާޅުވީ، ރަށްރަށުގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް އެޅުމަށް ފަށާފައިވާ މަޝްރޫއުގެ ދަށުން، އެ މަރުކަޒުތައް ގާއިމުކުރެވިގެން ދިއުމާއެކު ފުލުހުންގެ މަސައްކަތަށާއި ފުލުހުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
އެގޮތުން، ރަށްރަށުގެ ރައްޔިތުން މަސައްކަތް ކުރަމުންދަނީ ފުލުހުންނާ ގުޅިގެން ވަރަށް ގާތުން ކަމަށް ސީޕީ ވިދާޅުވި އެވެ. އަދި އެއީ ފުލުހުންގެ މަސައްކަތަށް ލިބިގެންދާ ވަރަށް ބޮޑު ފަސޭހައަކާއި ކުރިއެރުމެއް ކަމަށް ސީޕީ ވިދާޅުވި އެވެ.
ހަމައެއާއެކު، ފުލުހުންގެ ސުލޫކީ މިންގަނޑު ހިފެހެއްޓުމަށާއި، ޔުނީފޯމް އެޅުމުގެ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް ސީޕީ ވަނީ އިލްތިމާސްކުރައްވާފަ އެވެ. މީގެ އިތުރުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އޯގާތެރިކަމާއި ހަމަހަމަކަން ގާއިމުކުރުމަށް ވެސް އިލްތިމާސްކުރެއްވި އެވެ.
ސީޕީ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ފުލުހުންގެ މަރުކަޒުތަކަށް ކޮމިޝަނަރ ކުރެއްވުމަށް ހަމަޖެހިފައިވާ ޒިޔާރަތުގެ ތެރެއިން ކުރިއަށްގެންދާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުތަކުގައި ރަށްރަށުގެ ފުލުހުންގެ މަރުކަޒުތަކުގެ ހާލަތު ވަޒަންކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.