ރަސްމާލެއިން ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު އަށް ކަންކަން ފަހިވާގޮތަށް ގާނޫނުތައް ބަދަލުކުރާނެ ކަމަށް އެމްޑީޕީގެ ޕަބްލިކް ޕްރޮޓެކްޝަން ކޮމިޓީގެ ނައިބު މުގައްރިރު ޝަމާއު ޝަރީފް ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީން ގެނެސްދޭ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި ވާހަކަދައްކަވަމުން ޝަމާއު ވަނީ ރައްޔިތުންގެ ފައިސާއިން 700 މިލިއަން ހަރަދުކޮށްގެން ހިއްކިތަނުގެ ބޮޑު ބައި އަލައްބާރު އަށް ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ރަސްމާލެ ދީފައިވަނީ އަގަކާއި ނުލާ ކަމަށް ޝަމާއު ވިދާޅުވި އެވެ. 

އެގޮތުން، އެތަނަށް މިހާރު ރާއްޖޭގައި އޮތް އާންމު ގާނޫނު ނުހިނގާނެ ކަމަށް ވެސް ޝަމާއު ވިދާޅުވި އެވެ. އަދި އެސްއީޒެޑްގެ ގާނޫނަށް ބަދަލު ގެންނަކަން ފާހަގަކުރައްވާ ޝަމާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އަލައްބާރު އަށް ފަހިވާގޮތަށް ގާނޫނުތައް ބަދަލުކުރާނެ ކަމަށެވެ. 

ހަމައެއާއެކު، ޝަމާއު ވަނީ ސަރުކާރުގެ އެކި ފަރާތްތަކުންނާއި އީގަލް ހިލްސް އިން ދައްކާ ވާހަކައާ ދިމާނުވާ ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 

އެތަނުގައި އެ އަޅާ އިމާރާތެއް ވިޔަސް އެތަނެއް ވިއްކާއިގެން ލިބޭ ފައިސާގެ 10 ޕަސަންޓް ލިބޭނެ އޭ އެއްބޭފުޅަކު ވިދާޅުވީ ދެން އަނެއްކާ އަޅުގަނޑުމެންނަށް މީޑިއާއިން ފެނުނު އެހެން ބޭފުޅެއްގެ އިންޓަވިއު އޭގައި ވިދާޅުވަނީ މިހާރު އެމީހުން ހުޅުމާލޭގައި ރައްޔިތުންގެ ބޯހިޔާވަހިކަމަށް 5000 ފްލެޓެއް އަޅާ ވާހަކައޭ، ދެން އަނެއްކާ އެހެން ބޭފުޅެއް މަގާމުތަކުގައި ތިއްބެވި ހަމަ ބޮޑެތި ހައިސިއްޔަތު ތިއްބެވި ބޭފުޅުން މި ވިދާޅުވަނީ މިހާރު އެ 10 ޕަސަންޓް ބޭނުން ކުރާނީ މިތަނުގެ ޑައުންޕޭމަންޓް މިތަން ކުރަން އެކުރާ ހަރަދަށޭ 
ޝަމާއު ޝަރީފް 

ޝަމާއު ވިދާޅުވީ އީގަލް ހިލްސް އިން ހުޅުމާލޭގައި ތަރައްގީ ކުރާ ހައުސިންގ ޔުނިޓުތަކަކީ ރަސްމާލޭގައި ތަރައްގީ ކުރާ އިމާރަތްތަކުގެ ކުރެހުންތައް ވިއްކައިގެން އަޅާ ތަނެއް ކަމަށާއި މީގެ ބަދަލެއްގެ ގޮތުން ދައުލަތަށް ލިބޭނެ ކަމަށް ބުނާ 10 އިންސައްތަ ފައިދާ އީގަލް ހިލްސްއަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި ރަސްމާލޭގެ އިމާރަތްތައް ވިއްކަނީ ޕްރީ އޯޑަރ ނަގާ އުސޫލުން ކަމަށް ޝަމާއު ވިދާޅުވި އެވެ. 

މުޅި ދިވެހި ރައްޔިތުންގެ ނަމުގައި ރައްޔިތުންނަށް މިލިބޭ އެއްކަލަ 10 ޕަސަންޓް ނުލިބެޔޭ އޭތި އަނބުރާ ދޭން ޖެހޭނީ އަލައްބާރު އަށް އެއީ ހުޅުމާލޭގައި އެ އަޅަނީ އޭނަ އޭނަ އަކީ ކޮންޓްރެކްޓަރު އަނެއްހެން ބުނަންޏާ އޭނަ އެ ދެނީ ލޯނެއް. ލޯނެއް ގޮތަށް ތަނެއް އެ ހަދައިދެނީ 
ޝަމާއު ޝަރީފް 

މީގެ އިތުރުން، ޝަމާއު ވަނީ ރަސްމާލެ ކުއްޔަށް ދެނީ ނޫން ކަމަށާއި ރަސްމާލެ ވިއްކަނީ ކަމަށް ވިދާޅުވެފަ އެވެ.