އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން އެއްވެސް ޓެކުހެއް މަތިނުކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ. 

މިކަން ހާމަކުރެއްވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އެވެ.

މިނިސްޓަރު ޒަރީރު ވިދާޅުވީ އާމްދަނީ އިތުރުކުރުމަށްޓަކައި ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި މަސައްކަތްކުރާނީ ދައުލަތުގެ ޓެކްސްގެ ނިޒާމު މިހާރަށްވުރެ ހަރުދަނާ އަދި އެފިޝިއެންޓް ކުރުމަށް ކަމަށެވެ.

އެގޮތުން ނިޒާމުގެ ތެރޭގައި މިހާރު ހުރި ބާގަނޑުތައް ނުވަތަ ލޫޕްހޯލްތައް ބައްދައި، ޓެކްސް ދެއްކުމުގައި ގާނޫނުތަކާއި ގަވާއިދުތަކަށް އަމަލުކުރާ މިންވަރު އިތުރުކުރުމަށް އިސްކަންދެއްވާނެ ކަމަށް ވެސް މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ.

އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން އެއްވެސް ޓެކުހެއް މަތިނު ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، މިސަރުކާރުގައި އާމްދަނީ އިތުރުކުރަން ގްރީން ޓެކްސް، ޓީޖީއެސްޓީ، އެއާޕޯޓު ޑިވެލޮޕްމެންޓު ފީ، ޑިޕާޗާ ޓެކްސް ވަނީ ބޮޑުކޮށްފަ އެވެ.