ޚިޔާނާތްތެރި މި ސަރުކާރު ބަދަލުކުރުމަށް ރާއްޖޭގެ ރައްޔިތުން ތައްޔާރަށް ތިބުމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ގޮވާލައްވައިފި އެވެ.

ބުދަ ދުވަހުގެރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝިފާޒު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ ބޭކާރު ހަރަދުތަކާ ގުޅިގެން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

ޝިފާޒު ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައި ގޮތަށް ޑްރޯން ގަތުމަށް 34 މިލިއަން ޚަރަދުކުރީ ބަޖެޓުގައި ނެތް ފައިސާއިން ކަމަށެވެ. އަދި ރަސްމާލެ ހިއްކަން ފެށީ ވެސް ބަޖެޓުގައި ނެތް ފައިސާއިން ކަމަށާއި، ހިއްކާ ފަރާތްތަކަށް ދުވާލަކު 800,000 ޑޮލަރު ދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތަށް ދުވާލަކު 800,000 ޑޮލަރު ބޭރުކުރަމުން ގޮސް އެއް ބިލިއަން ޑޮލަރު ޚަރަދުކޮށްފައިވާ ކަމަށް ފާހަގަކުރައްވައި ޝިފާޒު ވަނީ ރާއްޖޭގެ ޑޮލަރު ބޭނުން ކުރަން ހުރީ ކޮންތާކުތޯ ސުވާލު އުފައްދަވާފަ އެވެ.

އަޅުގަނޑުމެން މި ގަބޫލުކުރަނީ މިއީ މަކަރުވެރިކަމާއި ޔަހޫދީކަމުގެ ސިފައެއް. މި ނޫން އެއްވެސްކަމެއް ނޫން. ދިވެހިންނަކަށް ނޫން އެކަން އެ ފޯރުކޮށްދެނީ. އެއީ އަޅުގަނޑުމެންނަށްވާ ވަރަށް ބޮޑު ބޭއިންސާފެއް، ޚިޔާނާތެއް. ރާއްޖޭގެ ރައްޔިތުން ތައްޔާރަށް ތިބެންވީ މި ޚިޔާނާތްތެރި މި ޔަހޫދީކަން ހުރި މި މުނާފިޤު ސަރުކާރު ބަދަލުކުރުމަށް
މުހައްމަދު ޝިފާޒު 

ރަސްމާލެ މަޝްރޫއަށް އިޝާރާތް ކުރައްވައި ޝިފާޒު ވިދާޅުވީ، ކުރިން ދިވެހިންނަށް ބޯހިޔާވަހިކަން ހޯދައިދޭން ވާހަކަ ދެއްކުމަށްފަހު، އެ ބިންތައް އަގުހެޔޮކޮށް ނުވަތަ ހިލޭ ބަޔަކަށް މިހާރު ދީފައިވާ ކަމަށެވެ. މިއީ  ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ބޭއިންސާފަކާއި ޚިޔާނާތެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2026 އޮކްޓޫބަރު 31 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލްކޮށްފައިވާތީ އެކަމާ ގުޅޭގޮތުން ޝިފާޒު ވިދާޅުވީ  ހުރިހާ ރަށަކުން އެމްޑީޕީގެ ކައުންސިލަރުންނާއި ޑަބްލިޔުޑީސީގެ ރައީސުންނާއި މިނިވަން މެންބަރުން ވަޑައިގެން މި އިންތިޚާބު ކާމިޔާބު ކުރަން ޖެހޭ ކަމަށެވެ. އަދި ރައީސް މުއިއްޒަކީ ރާއްޖޭގެ އެއްވެސް ރަށެއްގައި ތާއީދު އޮތް ބޭފުޅެއް ނޫންކަން ފެނިގެންދާނެ ކަމަށާއި، ޖެހިގެން އަންނަ ދުވަހަކީ ސަރުކާރު އިތުރަށް ބަލިކަށިވެ، މި ހިޔާނަތްތެރި ސަރުކާރު ބަދަލުކުރަން ރައްޔިތުންނަށް ނުކުމެވޭނެ ދުވަސް ކަމަށް ވެސް ޝިފާޒު ވިދާޅުވި އެވެ.