ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރު ބަދަލުކޮށްލަން 2028 ވަނަ އަހަރާ ހަމައަށް މަޑުކޮށްފިނަމަ ރާއްޖޭގެ ތައުލީމީ ދާއިރާއަށް ބަނަ ހަޔާތެއް ފެށިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެރޭ އިދިކޮޅު އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔައުގޫބު ވިދާޅުވީ، ނަފްސާނީ މައްސަލަތަކަކީ އަގީދާ ބަލިކަށިވުމުން ދިމާވާ ކަމެއް ކަމަށް ލޭބަލްކޮށް، އެ މައްސަލަތައް ބެލުމުގެ ޒިންމާ އިސްލާމިކް މިނިސްޓްރީއަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ނަމަވެސް، ރާއްޖޭގެ އާބާދީގެ ކޮންމެ 4 މީހަކުން އެކަކީ ނަފްސާނީ މައްސަލަތައް ތަހައްމަލުކުރާ މީހެއް ކަމަށާއި، އޭގެ ތެރޭގައި ސްކޫލް ދަރިވަރުން އަދި ޚާއްސަކޮށް ގްރޭޑް 10 އަކާއި 12 އާ ދެމެދުގެ ކުދިން ގިނަކަން ހެލްތު މިނިސްޓަރު ވެސް ދާދިފަހުން ވިދާޅުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އެހެންނަމަވެސް، އެޑިއުކޭޝަން މިނިސްޓަރު އެ ވިދާޅުވަނީ ތިމަންނަ ގަބޫލުކުރާ ކަމެއް ނޫނޭ. ތިމަންނަ ގަބޫލުކުރާ ވާހަކައެއް ނޫނޭ، ނަފްސާނީ މައްސަލައަކީ އެއީ އަޤީދާ ބަލިކަށިވީމާ ދިމާވާ މައްސަލަތަކެކޭ. އެހެންވީމާ، ތިމަންނަ އެއަށް ކޭޓަރކުރަންޖެހޭނެ ރީޒަނެއް ނެތޭ. އެކަމާ ކޭޓަރކުރަން ދެން ފޮނުވަންޖެހޭނީ އިސްލާމިކް މިނިސްޓްރީއޭޔައުގޫބު އަބްދުﷲ
ޔައުގޫބު ވިދާޅުވީ، އެޑިއުކޭޝަން ގާނޫނުގައި އޮންނަ ބޯޑުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގެ މީހަކު އިންނަންޖެހޭ ގޮތަށް ލާޒިމުކޮށްފައި އޮތް ނަމަވެސް، މިހާރު ހުށަހަޅާފައިވާ ބިލުން އެ ދާއިރާގެ މީހާ އުނިކޮށްފައިވާ ކަމަށެވެ. މިއީ ވަކި މަގުސަދެއްގައި، ދިވެހި ދަރިވަރުން އިލްމު އުނގެނުމާ މުޅިން ދުރަށް ޖައްސައި ޖާހިލު މުޖުތަމައެއް އުފައްދަން ކުރާ މަސައްކަތެއް ކަމަށާއި، ބޭނުންވާ ޕްރޮޕެގެންޑާއެއް ހިންގުމަށްޓަކައި ދުރާލައި ރާވައިގެން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން، ދިވެހި ރައްޔިތުން މިކަމަށް ފާރަވެރިވެ، ޚާއްސަކޮށް އެމްޑީޕީން ހުޝިޔާރުވެ ތިބެންޖެހޭ ކަމަށާއި ފަރުވާކުޑަކޮށްފިނަމަ މުޅި ގައުމުގެ މުސްތަގުބަލު އަތުން ބީވެގެން ހިނގައިދާނެ ކަމަށް ޔައުގޫބު ވިދާޅުވި އެވެ. އަދި މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކާއި ސަރުކާރުގެ އަމަލުތަކުން "ލާދީނީ ޕާޓީއާއި ދީނީ ޕާޓީއަކީ ކޮބައިކަން" ރައްޔިތުންނަށް މިހާރު ސާފުވާނެ ކަމަށާއި، އިސްލާމްދީނުގެ ދިފާއުގައި އަނގަ ހުޅުވާލާ މީހުންނާ މެދު ސަރުކާރުން ކަންކުރާ ގޮތް ވެސް ފެންނަމުންދާ ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު އަށް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ޔައުގޫބު ވިދާޅުވީ، މި ސަރުކާރު ބަލިކޮށްލަންޖެހޭ ކަމަށާއި 2028 ވަނަ އަހަރާ ހަމައަށް މަޑުކޮށްފިނަމަ ތައުލީމީ ދާއިރާއަށް ބަނަ ހަޔާތެއް ފެށިގެންދާނެ ކަމަށެވެ. އަދި ދަރިން ތައުލީމީ ހަޔާތުން ބާކީވެ، މުޅި ޖީލަކީ ތަންދޮރު ނުދަންނަ ގަމާރު ޖީލަކަށް ހެދުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.