މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ ބޯޑު އުވާލައި
އައު ބޯޑެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި އެވެ.

މިއީ ސިއްހީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ރާއްޖޭގައި
ހުރި ހުރިހާ ތަނަވަސް ފެންވަރުގެ ހޮސްޕިޓަލްތައް އެއް ނިޒާމެއްގެ ދަށަށް ގެނައުމަށް
ސަރުކާރުން ނިންމެވި މުހިންމު ބަދަލެއްކަމަށް ސަރުކާރުން ބުނެ އެވެ.

މިކަމާ ގުޅޭގޮތުން ނޭޝަން ޗެޓް ޕްރޮގްރާމްގައި
ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާލޭގައި މިހާރު ހުރި
ހޮސްޕިޓަލްތައް އެއް ގުރޫޕަކަށް ހަދާފައި އޮތް އޮތުން ފުޅާކުރުމަށް ނިންމަވާފައިވާ
ކަމަށެވެ. އެގޮތުން ރާއްޖޭގައި ހުރި ހުރިހާ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކާއި އެފަދަ
ހޮސްޕިޓަލްތަކަށް ހަދަން ކަނޑައަޅާފައިވާ ހޮސްޕިޓަލްތައް ހިމެނޭހެން އެއް ގުރޫޕަކަށް
ހަދައި، އެއް ވިސްނުމެއްގެ ދަށުން ގުޅުވާލައި އެއް ނިޒާމެއް ގާއިމުކުރުމަށް ނިންމަވާފައިވާ
ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި މި ބަދަލާއެކު
ސިއްހީ ދާއިރާގައި ހުރި ތަކުރާރުވުންތައް ނައްތާލެވި، ހިންގުމުގެ ހަރުދަނާކަން އިތުރުވެގެންދާނެ
އެވެ. އަންނަ ނޮވެމްބަރު މަހުން ފެށިގެން ތިން މަސް ނުވަތަ އެންމެ ގިނަވަގެން ހަތަރު
މަސް ދުވަހުގެ ތެރޭގައި އައު ނިޒާމުގެ ދަށުން ހޮސްޕިޓަލްތައް ގުޅާލެވޭނެ ކަމަށް ރައީސް
ވިދާޅުވި އެވެ.

މި ބަދަލާއެކު ސަރުކާރު ޚަރަދުގައި ތައުލީމު ހާސިލުކުރައްވާ
ޑޮކްޓަރުންގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ލިބިގަނެވޭނެ އުސޫލުތައް ގާއިމުކުރެވޭނެ
ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެއް ހޮސްޕިޓަލާއި އަނެއް ހޮސްޕިޓަލާ ދެމެދު ވަސީލަތްތައް
ހިއްސާކުރުމާއި، އެއް ތަނުން އަނެއް ތަނަށް ޑޮކްޓަރުންގެ ފަންނީ ޚިދުމަތުގެ ބޭނުން
ކުރެވޭނެ ގޮތްތައް ފަސޭހަ ކުރެވިގެންދާނެ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވަނީ މިއީ މުވައްޒަފުންތަކެއް އިތުރުކުރެވޭނެ
މަޝްރޫއެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިހާރު ހުރި ވަސީލަތްތަކާއި މުވައްޒަފުން
އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތްތައް
ރަނގަޅުކުރުމަށް މި ބަދަލުތައް ގެނެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

މި ސަރުކާރުގެ އެންމެ އިސް އެއް ސިޔާސަތަކީ ސިއްހީ
ދާއިރާ ތަރައްގީކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ކުރިއަށް އޮތް ބަޖެޓުގައި ވެސް
ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ވަރަށް ގިނަ ކަންކަން ހިމަނާފައިވާނެ ކަމަށް ރައީސް
ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވިނަމަވެސް، ރަށްރަށުގައި ފަށާފައިހުރި ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ މަސައްކަތްތައް ހުއްޓިފައިވުމާއި، ބޭސް ނުލިބުން ފަދަ މައްސަލަތަކާ ގުޅިގެން އާންމު ރައްޔިތުން ކޮންމެ ދުވަހަކު ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.