އދ. މަހިބަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން މީގެ ކުރިން ހަދަމުންދިޔަ ހަކުރު ޓެސްޓާއި ތައިރޮއިޑް ޓެސްޓުތައް ނުހެދޭތާ ދެ ހަފުތާއަށް ވުރެ ގިނަ ދުވަސްވެ، ޚިދުމަތް ދެވޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އދ. އަތޮޅު ހޮސްޕިޓަލުން ހަކުރާއި ތައިރޮއިޑް ޓެސްޓު ނުހެދޭތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވެފައިވާތީ، އާއްމު ރައްޔިތުންގެ މެދުގައި ވަނީ ކަންބޮޑުވުން އިތުރުވެފަ އެވެ. މިއީ ދާއިމީކޮށް ބޭސް ބޭނުންކުރަމުންދާ މީހުންނަށް އޮތް ވަރަށް ބޮޑު ދައްޗެއް ކަމަށް އެ މީހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން ބުރާސްފަތި ދުވަހުގެ "ފަށާއިރު" ޕްރޮގްރާމްގެ ތެރެއިން އެ ހޮސްޕިޓަލަށް ގުޅުމުން، އެތަނުގެ މުވައްޒަފަކު ވަނީ ހަކުރު ޓެސްޓާއި ތައިރޮއިޑް ޓެސްޓު ނުހެދޭތާ ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އަދި މި ދެ ޓެސްޓުގެ އިތުރުން ވެސް މީގެ ކުރިން އެ ހޮސްޕިޓަލުން ހަދަމުން އައި ބައެއް އެހެން ޓެސްޓުތައް ވެސް މިހާރު ނުހެދޭ ކަމަށް އެ މުވައްޒަފު ބުނެފައިވެ އެވެ.
މިކަމާ ގުޅޭގޮތުން އެ ހޮސްޕިޓަލުގެ ލެބޯޓްރީގައި މަސައްކަތްކުރާ މުވައްޒަފަކު ބުނީ، ޓެސްޓުތައް މެދުކެނޑިފައިވަނީ ޓެސްޓު ހެދުމަށް ބޭނުންވާ ސާމާނު ނެތުމުގެ ސަބަބުން ކަމަށެވެ. އަދި މި ޚިދުމަތްތައް އަލުން ފެށޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް ވެސް މުވައްޒަފު ބުނެފައިވެ އެވެ.
އދ. އަތޮޅާއި އއ. އަތޮޅުގެ ގިނަ ރަށްރަށުން ކޮންމެ ދުވަހަކު ވެސް ސިއްހީ ފަރުވާ ހޯދުމަށް މަހިބަދޫއަށް މީހުން ދަތުރުކުރެ އެވެ. ނަމަވެސް މި ސަރުކާރު އައި ފަހުން އެ ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ދަށްވެ، މުހިންމު ގިނަ ޚިދުމަތްތަކެއް މެދުކެނޑެމުންދާތީ އެ ސަރަހައްދުގެ ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.