އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި
ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ކޮޗިންގައި ދިރިއުޅޭ ބައެއް ދިވެހިންނާއި ބައްދަލުކުރައްވައިފި އެވެ.
ބުދަ ދުވަހު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ކޮޗިންގައި ދިވެހީން ދިރިއުޅޭ ބައެއް ގެތަކަށް ވެސް ފައިސަލް ޒިޔާރަތް ކުރެއްވި އެވެ. އަދި އެފަރާތްތަކުގެ ކަންބޮޑުވުންތައް ގާތުން ވަނީ އަޑުއައްސަވާފަ އެވެ.
ކޮޗިންގައި މިވަގުތު ބޭސްފަރުވާއަށް ގޮސްތިބި ފަރާތްތަކުން ފާހަގަކުރި ގޮތުގައި އާސަންދައިގެ
ދަށުން ބޭސްފަރުވާ ކުރުމުގައި ވަރަށްބޮޑެތި ދަތިތައް ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން މާލެއިން ފުރުމުގެ ކުރިން އާސަންދަ ދީފައި ފޮނުވި ނަމަވެސް ބޭސްފަރުވާގެ ބައެއް
ޚަރަދުތައް އާސަންދައިން ކަވަރުކޮށް ނުދިނުމާއި، ފަރުވާދޭ ހޮސްޕިޓަލުން އާސަންދައަށް
އެޕްރޫވަލްއަށް ފޮނުވާ ކޮންމެ އެއްޗެއް އެޕްރޫވްވުމަށް އެތަށް ގަޑިއިރެއް ހޭދަވާ ކަމަށް ބުނެފައިވެ އެވެ.
އަދި އެކަމުގެ ސަބަބުން ބަލިމީހާއަށް އެތަށް ތަކުލީފުތަކެއް އުފުލަން ޖެހޭކަމަށް ވެސް
އެފަރާތްތަކުން ފާހަގަކުރި އެވެ. މީގެ އިތުރުން ބޭސްފަރުވާއަށް ބޭނުންވާވަރަށް ޑޮލަރު
ހޯދުމަށް ހުރި ދަތިތައް ވެސް ފާހަގަކުރި އެވެ. މި ނޫނަސް ބޭސްފަރުވާއާ ގުޅޭ މިފަދަ އެތައް ބައިވަރު ކަންބޮޑުވުންތައް
ކޮޗިންގައި ތިބި ބައެއް ދިވެހީން ހިއްސާކުރި އެވެ.
ބޭސްފަރުވާގެ
ކަންކަމުގައި ދިވެހީން ކުރި ޝަކުވާތަކަށް ޖަވާބު ދެއްވަމުން ފައިސަލް ވިދާޅުވީ، ބޭސްފަރުވާއާއި
އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި ވެސް
އެންމެ ބޮޑަށް އިސްކަންދިން އެއް ދާއިރާ ކަމަށެވެ. އަދި ދެންވެސް އުފެދޭ އެމްޑީޕީގެ ވެރިކަމެއްގައި ވެސް
ބޭސްފަރުވާގެ ކަންކަމުގައި ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ނިމުމަކަށް ގެނެސްދިނުމަށްޓަކައި
ނިޒާމް ހަރުދަނާކޮށް ފަސޭހައިން ހިދުމަތް ލިބޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވި އެވެ.
ކޮޗިންގައި
ތިބި ދިވެހީން ދިރިއުޅޭ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވާ ދެއްކެވި ވާހަކަފުޅުގައި
ފައިސަލް ވިދާޅުވީ އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި ވެސް މިހާތަނަށް އެންމެބޮޑަށް ބެލީ
ލާމަރުކަޒުކޮށް އެ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ޚިދުމަތްދީ ވިޔަފާރިތައް
ކުރިއަރުވާ ރަނގަޅު ފެންވަރުގެ ތައުލީމާއި ސިއްހަތު ރައްޔިތުންނަށް ކަށަވަރު ކޮށްދިނުމަށް
ކަމަށެވެ.
ފައިސަލް ވިދާޅުވީ ރައްޔިތުންނަށް ވައުދެއް
ވެއްޖެއްޔާ އެ ވައުދެއް ވާންވާނީ ފުއްދޭ ވަރުގެ އެއްޗަކަށް ކަމަށެވެ. އަދި ވެރިކަމަކީ ދޮގުހަދައިގެން
ނުވާވަރުގެ ހުވަފެންދައްކައިގެން ކުރާވަރުގެ ކަމެއް ނޫން ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ ތެދުބަހުން
ވާހަކަ ދައްކަން ކަމަށެވެ. އަދި ދޮގު ހަދައިގެން ހޯދާނެ މޮޅެއް ނެތް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.