ށ. ފީވަކު ފުޓްބޯޅަ ދަނޑުގައި ފެންސް ޖެހުމުގެ މަޝްރޫއު ހަވާލުކުރެވުނުތާ އަހަރެއް ވެގެން ދިޔައިރު ވެސް މި މަސައްކަތް ކުރިއަށް ނުދާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ފީވަކު ކައުންސިލްގެ ނައިބު ރައީސް އަލީ ރިޒާ ވިދާޅުވީ ފީވަކު ފުޓްބޯޅަ ދަނޑަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ނިންމަދީފައިވާ ދަނޑެއް ކަމަށެވެ. އަދި އޭރު ފެންސް ޖެހުމުގެ މަސައްކަތް ފެށި ނަމަވެސް ސަރުކާރު ބަދަލުވެގެން މަސައްކަތް ހުއްޓުނީ ކަމަށް ރިޒާ ވިދާޅުވި އެވެ. 

އެގޮތުން މަސައްކަތް ހުއްޓުމުގެ ސަބަބުން ބައެއް ދަގަނޑުތަކާއި ފާރު ހަލާކުވެގެން ދިޔައީ ކަމަށް ރިޒާ މައުލޫމާތު ދެއްވި އެވެ. އަދި އޭގެ ފަހުން މި މަސައްކަތާއި އެމްޓީސީސީއިން ހަވާލުވެފައިވަނީ މިއަހަރުގެ ތެރޭގައި ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ. 

ނަމަވެސް މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށްނުދާ ކަމަށް ވިދާޅުވެ ރިޒާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑަައިގެން ހަވާލުކުރައްވާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ފެންސް އަދި ލައިޓް ޖެހުމަށް ވަނީ ހަމަޖެހިފަ އެވެ.