މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ ރައީސް މުހައްމަދު ފަރުޝަތު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފޮނުއްވި ސިޓީއެއްގައި ފަރުޝަތު ވަނީ މީޑިއާތަކަށް އިންސާފުން ކަންކަން ކުރުމަށް ގޮންޖެހުންތައް ހުރި ކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން، މީޑިއާ ކޮމިޝަންގެ މަސައްކަތްތައް ފުރިހަމަކަމާއި ހުރިހާ މީޑިއާތަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރާވައި ހިންގުމަށް ހައްލުނުކުރެވޭ ގޮންޖެހުންތަކެއް ހުރި ކަމަށް ފަރުޝަތު ވިދާޅުވި އެވެ. އެހެންކަމުން އެ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީކަމުގައި އޭނާ ހާމަކުރެއްވި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަކީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މީޑިއާތަކާއި ބްރޯޑްކާސްޓަރުން ބަލަހައްޓާ މައި އިދާރާ އެވެ. މި ކޮމިޝަންއަކީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނެކެވެ. އަދި މި ކޮމިޝަންގެ ރައީސް ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުންނެވެ.