ސިވިލް ސަރވިސްގައި
20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ މުސާރަ ބޮޑުކުރިކަން
އެންގުމަށްފަހު، އެ ނިންމުން ތަންފީޒުކުރުން ތިން ގަޑިއިރު ވެސް ނުވަނީސް ނޭޝަނަލް
ޕޭ ކޮމިޝަނުން މަޑުޖައްސާލައިފި އެވެ.

މި ނިންމުމާ
ގުޅިގެން ސިވިލް ސަރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މެދުގައި ވަނީ ކަންބޮޑުވުން
އުފެދިފަ އެވެ.

މިކަމާ ގުޅޭގޮތުން
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިވިލް ސަރވިސް
ކޮމިޝަންގެ ކައުންސެލް ޖެނެރަލް އިބްރާހީމް ރަޝީދު ވިދާޅުވީ، ދައުލަތުގެ މުސާރައިގެ
ސިޔާސަތާ ގުޅޭ ޤާނޫނަށް އަމަލުކުރަން ފެށިފަހުން މުސާރައާ ގުޅޭ ހުރިހާ ނިންމުންތަކެއް
ނިންމުމުގެ އިޚްތިޔާރު އޮންނަނީ ނޭޝަނަލް ޕޭ ކޮމިޝަނަށް ކަމަށެވެ.

ކައުންސެލް
ޖެނެރަލް އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މުސާރައާ ގުޅޭ ކަންކަމުގައި ސިވިލް ސަރވިސް
ކޮމިޝަނުގެ މައިގަނޑު ދައުރަކީ ޕޭ ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމެވެ.
ސިވިލް ސަރވިސްގައި 20 އަހަރަށްވުރެ ގިނަ ދުވަސްވީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ
ކަންކަމުގައި ވެސް އަމަލުކޮށްފައިވަނީ އެ އުސޫލުގެ ތެރެއިން ކަމަށާއި، އެ ނިންމުން ތަންފީޒު
ކުރުން މަޑުޖައްސާލުމަށް ސިވިލް ސަރވިސް ކޮމިޝަނަށް އެންގީވެސް ޕޭ ކޮމިޝަނުން ކަމަށް
އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގެ
ފަސްފަހަތަށް ބަލާއިރު، ޕޭ ކޮމިޝަނުގެ ކުރީގެ ނިންމުމާ އެއްގޮތަށް މުސާރަ ބޮޑުކޮށް،
ބައެއް މުވައްޒަފުންނަށް އެކަން އަންގައި ޗިޓުވެސް ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް
އެ ނިންމުން ނިންމިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޕޭ ކޮމިޝަނުން ވަނީ ސަރކިއުލަރ
އެއް މެދުވެރިކޮށް އެ ނިންމުން ތަންފީޒުކުރުން މަޑުޖައްސާލުމަށް އަންގާފަ އެވެ.

މިގޮތަށް
އެންގި ވަކި ސަބަބެއް ޕޭ ކޮމިޝަނުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

މިކަމާ ގުޅޭގޮތުން
އިތުރު ތަފްސީލު ހޯދުމަށާއި، ކުއްލި ގޮތަކަށް ނިންމުން ބަދަލުކުރި ސަބަބު ސާފުކުރުމަށް
ރާއްޖެޓީވީން ނޭޝަނަލް ޕޭ ކޮމިޝަނަށް ގުޅުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް
ނުވެފަ އެވެ. މުސާރަ ބޮޑުވާނެ ކަމުގެ އުންމީދުގައި ތިބި ގިނަ ދުވަސްވީ މުވައްޒަފުން
މިހާރު ތިބީ މި ނިންމުމުގެ ސަބަބުން މާޔޫސްކަމެއްގެ ތެރޭގަ އެވެ.