ރަސްމާލެއިން ބޮޑު ބައެއް އީގަލް ހިލްސް ކުންފުންޏަށް ދާއިމީކޮށް ދޭ ކަމަށް ބުނެ އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެން، އެ ސަރަހައްދުގައި ހިންގަން ރާވާ ކަންކަން ކުރިއަށްގެންދަންވާނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ނުވަތަ ރިފަރެންޑަމަކަށް ދިއުމަށްފަހު ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝެއިޚް އިމްރާން ވިދާޅުވީ، ރާއްޖޭގެ ވަޙްދަތާއި ސިލްމާއި ސަލާމަތް ބިނާވެފައިވަނީ ދިވެހިންގެ ދީނާއި، ބަހާއި އަދި ނަސްލުގެ މައްޗަށް ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ކުރިމަތިކުރުވަން އުޅޭ ކަންކަމަކީ ރާއްޖޭގެ ދެމިއޮތުމާއި، މިނިވަންކަމާއި އިސްތިގުލާލާމެދު ސުވާލު އުފެދޭ ފަދަ ނުރައްކާތެރި ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން މިކަންކަން މިހާރު ރޭވިފައިވާ ގޮތަށް ކުރިއަށް ހިނގައްޖެނަމަ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނުވަތަ ކުރިއަށް އޮތް އަހަރުތަކުގައި ދިވެހި ރައްޔިތުންނަކީ އަޅުވެތިކަން އިހުސާސްކުރަންޖެހޭ ބަޔަކަށް ވެދާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

މީގެ އިތުރުން ޝެއިޚް އިމްރާން ވިދާޅުވީ، ރާއްޖޭގައި ތަފާތު ދީންތަކާއި، ސަގާފަތްތަކާއި ނަސްލުތަކުގެ މީހުން ވަޒަންވެރިކުރުމުގެ އެއްވެސް ކަމެއް ހިންގަންވާނީ ދިވެހި ރައްޔިތުންގެ ޚިޔާލު ހޯދުމަށްފަހު ކަމަށެވެ. ވަކިން ޚާއްސަކޮށް ޒަޔަނިސްޓު ޔަހޫދީން ރާއްޖޭގައި ވަޒަންވެރިކުރުވުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ދިވެހި ރައްޔިތަކަށް ވެވޭނީ ސުންނީ މުސްލިމަކަށް އެކަނި ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ސަބަބުތަކަށްޓަކައި، ރަސްމާލޭގައި ސަރުކާރުން ރާވަމުންގެންދާ މި ޕްރޮޖެކްޓުގެ އެންމެހައި ކަންކަން ހިންގަންވާނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ފަހު ކަމަށް ޝެއިޚް އިމްރާން ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ ޚިޔާލު ހޯދުން ނުވަތަ ރިފަރެންޑަމަކަށް ދިއުމުގެ ކަންކަން ވަރަށް ބޮޑަށް ފަސޭހަކުރައްވާފައި ކަމަށް ޝެއިޚް އިމްރާން ވިދާޅުވި އެވެ.