ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ
ގަރާރުތަކަށް ބަހުސްކުރުމުގެ ކުރިން އެ ގަރާރު ބަލައިގަތުމާ މެދު ވޯޓަކަށް އަހަންޖެހޭ
ގޮތަށް މަޖިލީހުގެ ގަވާއިދު ބަދަލުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ
ގަވާއިދުގެ 191 ވަނަ މާއްދާއަށް ހުށަހަޅާފައިވާ މި އިސްލާހަށް އަންގާރަ ދުވަހު ވޯޓަށް
އަހާފައިވާއިރު، ޕީއެންސީ މެންބަރުންގެ އަޣުލަބިއްޔަތުން މި އިސްލާހު ވަނީ ފާސްކޮށްފަ
އެވެ.
މި އިސްލާހު ހުށަހެޅުއްވީ ތުޅާދޫ
ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެވެ. އެ ހުށަހެޅުން މަޖިލީހުން ބަލައިގަނެ
ދިރާސާ ކޮށްފައިވަނީ އާންމު ކޮމިޓީންނެވެ.
އާންމު ކޮމިޓީގެ ރިޕޯޓު ކޮމިޓީން
ނިންމި ގޮތަށް ފާސްކުރުމަށް އަންގާރަ ދުވަހު މަޖިލީހުން ވޯޓަށް އަހާފައިވާއިރު، އެ
ރިޕޯޓު މަޖިލީހުގެ 56 މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ.
ހަންނާން ހުށަހެޅުއްވި އިސްލާހުގައިވާ
ގޮތުން މަޖިލީހަށް ގަރާރެއް ހުށަހެޅުމާ އެކު ފުރަތަމަ ޖެހެނީ ގަރާރު ބަލައިގަތުމަށް
ވޯޓަކަށް އަހާށެވެ.
މަޖިލީހުގެ މެޖޯރިޓީން އެ ގަރާރެއް
ބަލައިގަތުމަށް ފާސްނުވެއްޖެ ނަމަ، ގަރާރަށް ބަހުސްކުރުމުގެ ފުރުސަތު ވެސް ނުލިބި،
ވަގުތުން އެ ގަރާރެއް ބާތިލުވާނެ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އަދި މަޖިލީހުގައި
ކުރިއަށް އޮތް ތަނުގައި ހިނގާނެ ބަހުސެއްގެ މައުލޫއަކަށް ވެސް ގަރާރެއް ހުށަނޭޅޭނެ
ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.
މީގެ ކުރިން އޮތް މާއްދާގައި
އޮންނަނީ ގަރާރެއް ހުށަހެޅުމާއެކު އެ ގަރާރު ބަލައިގަތުމުގެ ކުރިން އެކަމަކަށް ބަހުސްކުރުމުގެ
ފުރުސަތު މެންބަރުންނަށް ލިބޭ ގޮތަށެވެ. އަދި އެ ގަރާރެއް ބަލައިގަތުމާ މެދު ގޮތެއް
ނިންމަން ވޯޓެއް ނަގާނީ އެއަށް ފަހު ކަމަށް ކުރިން އޮވެ އެވެ. ނަމަވެސް މި އިސްލާހުން
އެ ގޮތް ބަދަލުކޮށް، ބަހުސްކުރުމުގެ ކުރިން ވޯޓަށް އަހަން ޖެހޭ ގޮތަށް މިހާރު
މިވަނީ ބަދަލުކޮށްފަ އެވެ.
މި އިސްލާހުގެ ސަބަބުން މައިނޯރިޓީއަށް
އޮންނަ ފުރުސަތުތައް ހަނިވެގެންދާކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރުން ވަނީ
ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި ބަދަލު ގެނެސްފައިމިވަނީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ގަރާރު ހުށަހަޅަން ދެން ފުރުސަތު ނުދޭނެ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވެސް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.