މީރާއިން
ކަނޑައަޅާ ޓެކްސްގެ އަދަދާމެދު ހިތްހަމަނުޖެހިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި
އިސްތިއުނާފު ކުރާއިރު ކުރިން ބަހައްޓަން ޖެހޭ ޑިޕޮސިޓު 25 ޕަސެންޓުން 50 ޕަސެންޓަށް
ބޮޑުކުރުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެފި އެވެ.

އަންގާރަ
ދުވަހުގެ ޖަލްސާގައި މި ބިލު ބަލައިގަނެ، އިގުތިސާދީ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ހުށަހެޅި މި އިސްލާހު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ
މެމްބަރު މުހައްމަދު މަމްދޫހު އެވެ.

މި ބިލު ބަލައިގަތުމަށް
ފެންނަކަމަށް 54 މެމްބަރަކު ވޯޓު ދެއްވާފައިވާއިރު، ބިލު ބަލައިގަތުމަށް ނުފެންނަކަމަށް
11 މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ. މިއީ ސަރުކާރުން ހުށަހަޅާ ބިލެއް ކަމަށްވާއިރު،
މި ބިލު ފާސްވުމުން ޓެކްސް އިސްތިއުނާފު ކުރާ ފަރާތްތަކުން ކުރިން ބަހައްޓަން ޖެހޭ
ޑިޕޮސިޓުގެ އަދަދު ދެގުނަ ވެގެންދާނެ އެވެ.

މިހާރު ޓެކްސް
ނެގުމާ ބެހޭ އިދާރީ ގާނޫނުގައި ބުނެފައިވަނީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން
ކަނޑައަޅާ ޓެކްސްގެ އަދަދާމެދު ހިތްހަމަނުޖެހިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި
އިސްތިއުނާފު ކުރާ ފަރާތްތަކުން އެ އަދަދުގެ 25 ޕަސެންޓު ޑިޕޮސިޓުގެ ގޮތުގައި ބަހައްޓަން
ޖެހޭ ކަމަށެވެ.

ނަމަވެސް
މި ބިލު ފާސްވުމުން، އެ ޑިޕޮސިޓުގެ އަދަދު 50 ޕަސެންޓަށް އިތުރުވެގެންދާނެ އެވެ.