ފެނަކަ ކޯޕަރޭޝަން
ލިމިޓެޑުން 2018 ވަނަ އަހަރުގެ ތެރޭގައި އުސޫލުތަކާ ޚިލާފަށް ދޯންޏެއް ކުއްޔަށް ހިފި
މައްސަލައިގައި، އެ ކުންފުނީގެ ޕްރޮކިއުމަންޓްގެ ކުރީގެ އިސްވެރިޔާ ޏ. ފުވައްމުލަކު،
މައިޒާން، މަރްޔަމް ދީނާ ސާލިޙު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އަންގާރަ ދުވަހު ހުކުމްކޮށްފި
އެވެ.
ދީނާގެ މައްޗަށް
ދައުލަތުން އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ
ދައުވާ އެވެ.
މި މައްސަލައަކީ
ފެނަކައިގެ ޕްރޮކިއުމަންޓް އިސްވެރިޔާގެ މަޤާމުގައި ދީނާ ހުންނެވިއިރު، އޭނާއާ ގާތްގުޅުމެއް
އޮންނަ ކުންފުންޏަކުން ގަނެފައިވާ ދޯންޏެއް ފެނަކައަށް ކުއްޔަށް ހިފާފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި ދީނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ކުރިން ނިންމާފައިވާއިރު،
އަންގާރަ ދުވަހު ބޭއްވި އަޑުއެހުމަކީ އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމަށް ބޭއްވި
އަޑުއެހުމެކެވެ.
އަދަބާ ގުޅޭގޮތުން
ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ދީނާއަކީ ދައުލަތުގެ އިދާރާއެއްގެ
އިސް މަޤާމެއް އަދާކުރި ފަރާތަކަށްވާތީ އޭނާގެ އަދަބު ބޮޑުކުރެވިދާނެ ކަމަށެވެ. ނަމަވެސް
އޭނާއަކީ ކުޑަކުދިންތަކެއް ބަލަމުންދާ މީހަކަށްވާތީއާއި، މީގެ ކުރިން ކުށުގެ ރެކޯޑެއް
ނެތް ފަރާތަކަށްވާތީ، އެއީ އަދަބު ލުއިކޮށްދެވިދާނެ ހާލަތްތަކެއްގެ ގޮތުގައި ދައުލަތުން
ފާހަގަކުރި އެވެ.
ދައުލަތުން
އެދުނީ ދީނާގެ މައްޗަށް 1 އަހަރާއި 7 މަހުގެ ޖަލު ހުކުމެއް ކަނޑައަޅައިދިނުމަށެވެ.
އަދި މި އަދަބު ޖޫރިމަނާއަށް ބަދަލުކުރުމަށް ދައުލަތުން އިންކާރުކުރި އެވެ.
ދިފާއީ ވަކީލުން
ކޯޓުގައި އެދިވަޑައިގަތީ ދީނާއަށް ޖަލު އަދަބު ނޫން އަދަބެއް ކަނޑައަޅައިދިނުމަށެވެ.
ދީނާގެ ސިއްހީ ހާލަތާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅާފައިވާނެކަން ބަޔާން ކުރައްވައި
ދިފާއީ ވަކީލު ވިދާޅުވީ، އޭނާއަކީ މައިގްރޭން، ގޭސްޓްރޮލޮޖީ، ހިރަފުހަށް އެލަރޖީވުން
އަދި އަސްތްމާ ފަދަ ބަލިތައް ހުންނަ މީހެއް ކަމަށެވެ. އެހެންކަމުން ޖަލު އަދަބުގެ ބަދަލުގައި
ޖޫރިމަނާ ނުވަތަ ގޭބަންދުގެ އަދަބެއް ކަނޑައަޅައިދިނުމަށް ދިފާއުން އެދުނެވެ.
މި މައްސަލަ
ބެއްލެވި އިސްގާޒީ އާދަމް މުޙައްމަދު ނިންމެވީ، ދީނާގެ މައްޗަށް ސާބިތުވެފައިވާ ކުށަކީ
ޖިނާއީ ބޮޑު ކުށެއް ކަމަށެވެ. އަދި އޭނާއަކީ ޖަލު ބަންދުގައި ނުބެހެއްޓޭނެ ފަދަ ސިއްހީ
ހާލަތެއް ހުރި މީހެއްކަން އެނގޭނެ ސިއްހީ ލިޔުމެއް ހުށަހަޅާފައި ނުވާކަމަށް އިސްގާޒީ
ވިދާޅުވި އެވެ. އެހެންކަމުން، ދީނާ 1 އަހަރާއި 7 މަހާއި 11 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް
ގާޒީ ވަނީ ހުކުމް ކުރައްވާފަ އެވެ.
މި މައްސަލައިގައި
ހިމެނޭ ފެނަކައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށްވެސް
މި ކުށް ސާބިތުވެ، މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާ 4 އަހަރަށް ޖަލަށްލުމަށް ވަނީ
ހުކުމްކޮށްފައެވެ. ދީނާގެ މައްޗަށް މި ހުކުމް އައީ ސައީދުގެ މައްޗަށް ހުކުމް ކުރިތާ
ގިނަ ދުވަސްތަކެއް ފަހުންނެވެ.