ޓެކްސް
ބޮޑުކޮށްގެން މި ސަރުކާރުން ކުރާހާވެސް ކަމަކީ ރަސްމާލެ ހިއްކުން ކަމަށާއި އަދި އެއިންވެސް
ކުރަމުންދަނީ ވައްކަންކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް
ވިދާޅުވެއްޖެ އެވެ.

އަންގާރަ
ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޓެކްސް ނެގުމާ ބެހޭ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލަށް ބަހުސް ކުރައްވަމުން ނާޒިލް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް
ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ނާޒިލް ވިދާޅުވީ
ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހާ ދިމާކޮށް ބަޖެޓު އިތުރުކުރުމުގެ ބޭނުމުގައި ޓެކްސް
ބޮޑުކުރަމުންދާއިރު، އޭގެން ރައްޔިތުންނަށް ލިބޭ އެއްވެސް މަންފާއެއް ނެތް ކަމަށެވެ.

މިއަދު ދިވެހި
ރައްޔިތުން އުޅެމުންދަނީ ނުހަނު ހާލުގައިކަން ފާހަގަކުރައްވައި ނާޒިލް ވިދާޅުވީ، ޚާއްސަކޮށް
ރަށްރަށުގެ އަސާސީ ޚިދުމަތްތައް ފުރިހަމަ ނުވުމުގެ ސަބަބުން ރައްޔިތުންނަށް އެކި ގޮތްގޮތުން
ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. ރައްޔިތުންގެ އަސާސީ ބޭނުންތައް
ފުއްދައިދިނުމުގެ ބަދަލުގައި ސަރުކާރުން އިސްކަންދެނީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް
ފައިސާ އިސްރާފު ކުރުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މީގެ އިތުރުން
ނާޒިލް ވިދާޅުވީ ޓެކްސް ބޮޑުކޮށްގެން ސަރުކާރުން ކުރާހާވެސް ކަމަކީ ރަސްމާލެ ހިއްކުމުގެ
މަޝްރޫއު ކުރިއަށް ގެންދިއުން ކަމަށެވެ. އަދި އެ މަޝްރޫއުގެ ތެރެއިން ވެސް ސަރުކާރުން
ކުރަމުންދާ ކަމަކީ ވައްކަން ކުރުން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

މި ސަރުކާރުން
ރައްޔިތުންގެ ޖީބަށް ބުރަވާ ގޮތަށް ޓެކްސް ބޮޑުކުރާއިރު، އެ ފައިސާއިން ރައްޔިތުންގެ
ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އޭނާ ވިދާޅުވި
އެވެ.

މަޖިލީހުގައި
ވާހަކަދައްކަވަމުން ނާޒިލް އިތުރަށް ވިދާޅުވީ، ރަށްރަށުގެ ތަރައްޤީގެ މަޝްރޫއުތައް
ހުއްޓި، އަސާސީ ޚިދުމަތްތައް ނުލިބި ރައްޔިތުން ގަނަތެޅެމުންދާއިރު، ސަރުކާރުން ބޮޑެތި
މަޝްރޫއުތަކުގެ ނަމުގައި ހިންގާ ކަންކަމުން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށެވެ. އަދި
މިފަދަ ގޮތަކަށް ޓެކްސް ބޮޑުކުރުމަކީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއްގެ
ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.