ކަމެއް ޖަސްޓިފައި ކުރަންވުމުން ކުއްލިއަކަށް ބައިނަލްއަޤްވާމީ ޤާނޫނު ފެނިއްޖެ އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މެންބަރު އަލްއުސްތާޛް އަހްމަދު މައުރޫފު ވިދާޅުވެއްޖެ އެވެ.

މައުރޫފް މިފަދައިން ވިދާޅުވެފައިވަނީ ބަންޑާރާ ނައިބު އަހުމަދު އުޝާމް ރަސްމާލެ މަޝްރޫއާ ދެކޮޅަށް އުފެދޭ އަޑުތައް ކަނޑުވާލުމަށް ސަރުކާރުން ގާނޫނުލްއުގޫބާތަށް ބަދަލު ގެނެސް، ޔަހޫދީންނާއި ދެކޮޅަށް ވެސް އަޑުނުއުފުލޭ ގޮތަށް މާނަކުރެވޭ މާއްދާތަކަކާއެކު ގަތުލުއާންމުގެ ކުށަށް ބޮޑު އަދަބެއް ކަނޑައަޅަން މަޖިލީހަށް ހުށަހެޅި ބިލުގެ ދިފާއުގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. 

އެގޮތުން، އުޝާމް ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަކީ، ޖެނޮސައިޑް ކޮންވެންޝަންއާ އެއްގޮތްވާ ގޮތުގެމަތިން ޤަތުލުއާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެ ކުށުގެ އަދަބު ބަޔާންކުރުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެއް ކަމަށާއި، މިއީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ދިވެހިރާއްޖެއިން ކުރުން ލާޒިމްކޮށްފައިވާ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. 

އުޝާމަށް ރައްދު ދެއްވައި މައުރޫފު ވުދާޅުވެފައި ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ކުރުން ލާޒިމްކޮށްފައިވާ އެތައް ކަމެއް ނުކޮށް ހުރިއިރު މިކަން މިހާރު ކުރަންޖެހުނު ސަބަބެއް އޮންނާނެ ކަމަށެވެ. 

މީގެ އިތުރުން، ރައިޓް ޓު އަ ފެއަރ ޓްރަޔަލްގެ ހައްގަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ދައުލަތަށް ލާޒިމްކޮށްފައިވާ ކަމެއް ކަން ފާހަގަކުރައްވާ، މައުރޫފު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކިކޮށްލި އިރު "ބައިނަލްއަޤްވާމީ ޤާނޫނު" މުހިންމު ނުވި ކަމަށެވެ. 

އެހެންކަމުން، ކަމެއް ޖަސްޓިފައި ކުރަންވީމަ ކުއްލިއަކަށް ބައިނަލްއަޤްވާމީ ޤާނޫނު ފެނިއްޖެ ކަމަށް މައުރޫފު ވިދާޅުވި އެވެ.