ކައުންސިލަރުންގެ މުސާރަ ބޮޑު ކުރީ ރައްޔިތުން ރުޅި އަރުވަން ކަމަށާއި އަދި މިސަރުކާރުން ކައުންސިލަރުންގެ މުސާރަ ކުޑަ ކުރަން ހުށަހަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު ޣަފޫރު ވިދާޅުވީ، 6 މިލިއަން ނުވަތަ 7 މިލިއަން ރުފިޔާ ލިބޭ ކައުންސިލަކުން އެ ކައުންސިލް މެންބަރުންގެ މުސާރަ ބޮޑުކުރުމުން ރަށުގެ ތަރައްގީއަށް ކުރާނެ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި މުސާރަ ބޮޑު ކުރާކަމުގައި ވާނަމަ ބޮޑު ކުރަން ޖެހޭނީ ގްރާންޓް ބޮޑުކޮށްފައި ކަމަށް މެންބަރު ޣަފޫރު ވިދާޅުވި އެވެ.  

ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމަކުން އެބޭފުޅުންނަށް ފައިދާއެއް ނުވާނެކަން ކައުންސިލަރުންނަށް އެނގޭނެކަން ފާހަގަކުރައްވާ، މެންބަރު ޣަފޫރު ވިދާޅުވީ މިސަރުކާރުން އަދި ކައުންސިލަތަކުގެ މުސާރަ ކުޑަކުރަން ހުށަހަޅާނެ ކަމަށެވެ. 

ހަމައެއާއެކު، މެންބަރު ޣަފޫރު ވަނީ ސަރުކާރުން ގެންނަމުންދާ ބަދަލުތައް އަނެއްކާ ވެސް ކުރިން އޮތް ގޮތަށް ބަދަލުކުރަމުން ދާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. 

ޑެސްޓިނޭޝަން ޓެކްސް ތައާރަފްކޮށްފައި އެ ނުނަގާ އަނެއްކާ ވެސް އެ އުވާލީ، ހަމަ ސިނގިރޭޓަށް ވީހެން ހަމަ މިވަނީ، ރައީސް މިއީ ތަންކޮޅެއް ބޮޑުވަރު އެނގޭތޯ، މިވެސް ހަމަ ކިޔަވައިގެން ހުރި ތައުލީމީ މީހުން ހުރި ގައުމެއްގައި މިޒާތުގެ ހަޑިމުޑުދާރު ކަންކަން ސަރުކާރަކުން ކުރަން ހެދީމާ ދެން ކީއްތޯ ކުރާނީ އިއްޒަތްތެރި ރައީސް، މިނޫން ސަރުކާރެއް މިގައުމަށް ނާންނަނީތޯ ރައީސް، މިއީ ކިހާ ބޮޑު ދުއްތުރާ މުސީބާތެއްތޯ ރައްޔިތުންނަށް ޖެހިފައި މިއޮތީ 
އަބްދުލް ޣަފޫރު މޫސާ

މެންބަރު ޣަފޫރު ވަނީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރީ ރައްޔިތުން ރުޅި އަރުވަންކަން ފާހަގަކުރައްވައި، ސިޓީ ކައުންސިލްތަކުގެ ކައުންސިލަރުންނާއި މޭޔަރުންގެ މުސާރަ ބޮޑުކުރަން ނުކެރުނީ ކިހިނެއްވެގެންތޯ ސުވާލު އުފައްދަވާފަ އެވެ. 

މީގެ އިތުރުން، މެންބަރު ޣަފޫރު ވަނީ ގައުމަށް މިހާރު ވަމުން މިދަނީ "ދިއުޅިއެއް ނުވާ ދެބަންދިހާރު" ބަޔަކަށް ގައުމު ހިންގަން ލިބުނީމަ ވާނެ ގޮތްވަމުން ކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް މުއިއްޒުގެ ސަރުކާރުގައި ހަމައެއް ލަމައެއް އިންސާފެއް ނެތް ކަމަށާއި ހިތަށް އެރި ގަޑިއެއްގައި ހިތަށް އެރިހާ ކަމެއް ދަނީ ކުރަމުން ކަމަށް މެންބަރު ޣަފޫރު ވިދާޅުވި އެވެ. 

މި ވެސް ދިދައެއް ނަގައިގެން ރައްޔިތުން ދިރިއުޅޭ ގައުމެކޭ އިއްޒަތްތެރި ރައީސް، މި ގައުމުގެ ދިދަޔަށާއި މި ގައުމުގެ ގައުމީ ސަލާމަށާއި މި ގައުމުގެ ރައްޔިތުންނަށް ކޮންމެވެސް އިހްތިރާމެއް ކުރަން ޖެހޭނެ ރައީސް. އެއްވެސް ކަހަލަ އުސޫލެއް ހަމައެއް ނެތި ބޭރު މީހުންގެ ކުރިމަތީގައި ވެސް ކަންކަން ކުރަމުން މިދަނީ. ސާފުކޮށް ފެންނަން އޮތް ކަންކަމުގައި ވެސް އޮޅުވާލަމުން މިދަނީ އިއްޒަތްތެރި ރައީސް
އަބްދުލް ޣަފޫރު މޫސާ

ދައުލަތެއް ދިމި އޮންނަންވީ ގޮތަކީ އަދި ދައުލަތެއް ކުރިއަށް ދާންވީ ގޮތަކީ މިއީ ނޫން ކަމަށާއި ކަންކަން ކުރަން ޖެހޭނީ ސާފު ސީދާކޮށް ކަމަށް މެންބަރު ޣަފޫރު ވިދާޅުވި އެވެ. 

މިއާއެކު، މިއަދު ރައްޔިތުން ބޭނުންވާ އެެއްވެސް ކަމެއް ނުވާ ކަމަށް ވިދާޅުވެ މެންބަރު ޣަފޫރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.