މާލޭގައި ސިފައިންގެ އާއިލާތައް ދިރިއުޅުމަށް ޚާއްސަކޮށްފައިވާ ބަނޑޭރިކޮށި ޑިސެންބަރު މަހުގެ ނިޔަލަށް ހުސްކުރުމަށް އަންގައިފި އެވެ. 

ރާއްޖެއެމްވީއަށް އެތަނުގައި ދިރިއުޅޭ އާއިލާއަކުން މައުލޫމާތު ދިން ގޮތުގައި، މިއަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް އެތަން ހުސްކުރުމަށް އަންގާފައިވާ ނޯޓިހެއް މި އޮކްޓޫބަރު މަހުގައި ވަނީ ފޮނުވާފަ އެވެ. އަދި ކުއްލިއަކަށް މިއެންގުން އެންގުމުން މިއީ ކަންބޮޑުވާ ކަމެއް ކަމަށް އެ މީހުން ބުނެ އެވެ.

މިކަމުގެ މައުލޫމާތު ސާފުކުރުމަށް ހޯމަ ދުވަހުގެ ފަށާއިރު ޕްރޮގްރާމްގެ ތެރެއިން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރަށް ގުޅުމުން ވިދާޅުވީ، އެ މައުލޫމާތު ހިއްސާކުރާނީ މީޑިއާ އޮފިޝަލް ކަމަށެވެ. އަދި ޕްރޮގްރާމްގެ ތެރެއިން މީޑިއާ އޮފިޝަލް ނަންބަރަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައިނުވެ އެވެ. 

އެހެންކަމުން މިކަމުގެ ފުރިހަމަ މައުލޫމާތު ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

މާލޭގައި ސިފައިންގެ އާއިލާތައް ދިރިއުޅުމަށް ޚާއްސަކޮށްފައިވާ ބަނޑޭރިކޮށި ޑިސެންބަރު މަހުގެ ނިޔަލަށް ހުސްކުރުމަށް އެންގިއިރު، ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް 9 މެއި 2026 ގައި ބޭއްވި ރަސްމިއްޔާތުގައި، ބަނޑޭރިކޮށި ތަޅާލައި، އެ ސަރަހައްދުގައި ސިފައިންނާއި ފުލުހުންނަށް ޚާއްސަ ބޮޑު ހައުސިން މަޝްރޫއެއް 2027 ވަނަ ފަށްޓަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައިވެ އެވެ. 

މި މަޝްރޫއަކީ ހަމައެކަނި ސިފައިންނަށް ޚާއްސަ މަޝްރޫއެއް ނޫން ކަމަށާއި، ފުލުހުންނަށް ވެސް މި މަޝްރޫއުގެ ތެރެއިން ބޯހިޔާވަހިކަން ކަށަވަރުވެގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ބަނޑޭރިކޮއްޓަކީ ސިފައިންގެ ހިދުމަތުގައި ތިބޭ ފަރާތްތަކަށް ބޯހިޔާވަހިކަން ދިނުމަށް ކަނޑައަޅާފައިވާ ތަނަކަށް ވީނަމަވެސް، އެތަނުގެ ހާލަތު މިހާރު ހުރީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށެވެ. އަދި އެތަނުގައި މިހާރު ދިރިއުޅެވެނީ މަދު އާއިލާތަކަކަށް ކަމަށާއި، ޒަމާންތަކެއް ވެފައިވާ އެ ކޮށި ތަރައްގީ ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.