މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގައި ސިޔާސީ މަގާމުގައި ތިބި މުވައްޒަފުންތަކެއް ނަށާ ވީޑިއޯއެއް އާންމުވެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ. 

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ މަގާމުގައި ތިބި ފަރާތްތަކެއް އެ މިނިސްޓްރީ އޮފިސް އިމާރާތުގައި ނަށާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެ ވީޑިއޯގައި މިނިސްޓަރ އޮފް ހެލްތު ގީލާ އަލީގެ އާއިލާ ބޭފުޅަކު ވެސް ނަށަން ހުރި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. 

މިކަމާއި ގުޅޭ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ދަނީ ހެލްތު މިނިސްޓްރީއަށް އަދި މިނިސްޓަރު ގީލާއަށް އަމާޒުވަމުންނެވެ. އެގޮތުން، ސޯޝަލް މީޑިއާގައި އާންމު ރައްޔިތަކު ކުރި ޕޯސްޓެއްގައި ވަނީ ހެލްތު މިނިސްޓްރީގެ ކަންކަން ބަލަހައްޓަވަނީ ހަމަ މިފަދަ ގޮތަކަށް މިނިސްޓަރު ގީލާއަށް ސުވާލުކޮށްފަ އެވެ. އަދި އަމިއްލަ މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި އަމިއްލަ އުފަން ދައްތަ ނުވަތަ ކޮއްކޮ ބަހައްޓައިގެން ކުރިއަށްގެންދަވަނީ އާއިލީ ނުފޫޒު ބޭނުންކުރުމުގެ އެންމެ މަތީ ދަރަޖަ ކަމަށް ބުނެ މިނިސްޓަރު ގީލާއަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. 

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ސިޔާސީ މަގާމުގައި ތިބި ފަރާތްތަކެއް ނަށަނީ

މީގެ އިތުރުން، ހެލްތު މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އެންމެ ރަނގަޅަށް ކުރަން އެނގޭ ކަމަކީ ނެށުން ކަމުގައި ފާހަގަކޮށް މިއީ ހެލްތު މިނިސްޓްރީގެ ފަންނީ ގާބިލުކަން ހުރި މިންވަރުތޯ އާންމު ރައްޔިތުން ދަނީ ސުވާލު އުފައްދަމުންނެވެ. 

މިކަމާއި ގުޅޭ ގޮތުން ރާއްޖެއެމްވީއިން މިނިސްޓަރު ގީލާއަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައިނުވެ އެވެ.