މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތަކާ ގުޅިގެން މާލޭގައި ސިފައިން ހަތިޔާރާއެކު ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ، މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 3ވަނަ ދުވަހު، ސިފައިން ބައިވެރިވެގެން ބޮޑު ޖަމާއާތުގައި ކުރާ ފަތިސް ނަމާދުންނެވެ. އިސްލާމީ މަރުކަޒުގައި ޖަމާޢަތުގައި ކުރާ ފަތިސް ނަމާދަށް ފަހު، އެ ދުވަހު ހެނދުނު 06:00 ގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި، ގަރޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި، އެ ދުވަހުގެ ހަވީރު 16:15ގައި ޖުމްހޫރީ މައިދާނުގައި، ސިފައިންގެ އަސްކަރީ ހުށަހެޅުމެއް އާއްމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން، ނޮވެންބަރު 3ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި، ސިފައިންގެ ގައުމީ ލަވަ އަލްބަމް ނެރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ހުރިހާ އޭރިއާ ކޮމާންޑުތަކެއްގައި ވެސް ސިފައިން ބައިވެރިވެގެން ޖަމާއާތުގައި ފަތިސް ނަމާދުކުރުމުގެ އިތުރުން، ނަޞްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ނަޞްރުގެ ދުވަހުގެ ދުވުން ކުރިއަށްގެންދާނެ ކަމަށެވެ.
ހަމައެއާ އެކު، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ފޮޓޯ މައުރަޒާއި، ސިފައިންގެ އަސްކަރީ ހުށަހެޅުމާއި، ކުޑަކުދިންގެ ހަވީރު، ހއ.ދިއްދޫއާއި، ހއ.ބާރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ހއ.ދިއްދޫއަކީ، 3 ނޮވެންބަރު 1988ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ހއ.ދިއްދޫ، ޗާންދަނީއާގެ ޝަހީދު އަލްމަރްޙޫމް ޢުމަރު އަޙްމަދު ނިސްބަތްވާ ރަށެވެ. އަދި ހއ.ބާރަށަކީ، 3 ނޮވެންބަރު 1988ގެ އުދުވާނީ ހަމަލާގައި ޝަހީދުވި ހއ.ބާރަށް، ސޯސަން، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ރަށެވެ. މި ހަރަކާތްތައް ހއ.ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 13 އަދި 14ވަނަ ދުވަހު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި، މި ހަރަކާތްތައް ހއ.ބާރަށުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު 20 އަދި 21ވަނަ ދުވަހު އެވެ.