ލާމު އަތޮޅު ކައްދޫގައި ހިނގި ނުރައްކާތެރި
އެކްސިޑެންޓެއްގައި އަންހެނަކު މަރުވި މައްސަލައިގައި ކުށް ސާބިތުވާކަމަށް
ކަނޑައަޅައި، މަރުގެ ދިޔަ ދެއްކުމަށް ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓު ކޯޓުން
ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ
ލާމު ފޮނަދޫ، ހޯރަވިލާ މުހައްމަދު ނައުސާންގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން
ދެ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް
ކުރުމުގެ ކުށުގެ ދައުވާއާއި މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.
މި ހާދިސާ ހިނގާފައިވަނީ 2025 ވަނަ އަހަރުގެ އޯގަސްޓު
މަހުގެ ތެރޭގަ އެވެ. އެގޮތުން މުހައްމަދު ނައުސާން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސެއް
ނެތި ލާމު ލިންކު ރޯޑުގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، މަގު ހުރަސް ކުރަމުން
ދިޔަ އަންހެނެއްގެ ގައިގައި ޖެހި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފަ އެވެ. މި އެކްސިޑެންޓުގައި
ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އެ އަންހެން މީހާ ވަނީ ނިޔާވެފަ އެވެ.
އޭގެ ތެރެއިން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ އެވަގުތު މަގު ހުރަސް ކުރަމުން ދިޔަ ފިރިހެނެއްގެ ގައިގައި ޖެހި އެމީހާއަށް ވެސް އަނިޔާވެފައިވާތީ އެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާގައި ނައުސާން ވަނީ
އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިއުތިރާފުވެފަ
އެވެ. އަދި އޭނާ ވަނީ މި މައްސަލައިގައި ދައުލަތާއެކު
އިއުތިރާފު އެއްބަސްވުމެއް ވެސް އެކުލަވާލާފަ
އެވެ.
ފޮނަދޫ މެޖިސްޓްރޭޓު ކޯޓުން ނިންމާފައިވަނީ މިއީ ސައްހަ
އިއުތިރާފެއް ކަމަށާއި، އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށެވެ.
އަދަބު ކަނޑައެޅުމުގައި ކޯޓުން ވަނީ މީހަކަށް އަނިޔާއެއް
ދިނުމުގެ ކުށުގެ އަދަބެއްގެ ގޮތުން ނައުސާން 9 މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ.
މީގެ އިތުރުން، މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް
ކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމާ ގުޅިގެން އޭނާ 3 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް
ލުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.
ޖަލު އަދަބުގެ އިތުރުން، އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ
މަތިން މަރުގެ ދިޔައިގެ ގޮތުގައި 1 މިލިއަން ރުފިޔާ ނިޔާވި އަންހެން މީހާގެ ވާރިސުންނަށް
ދެއްކުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ
އެވެ.
މި ފައިސާ ކުރިއަށް
އޮތް 36 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ހުކުމުގައި
ބަޔާންކޮށްފައިވެ އެވެ. އަދި ކައްފާރާގެ ގޮތުގައި ޖެހިޖެހިގެން 60 ދުވަހު ރޯދަ
ހިފުމަށް ވެސް ކޯޓުން ވަނީ އޭނާއަށް އަންގާފަ
އެވެ.