ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އޮތް އެންމެ
ބޮޑު މައްސަލައަކީ ގަވަރނަންސް ހަރުދަނާ ނުވުން ކަމަށާއި، އެކަމުގެ ސަބަބުން ކުންފުނިތައް
ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތް ކަމަށް އެމްޕީއެލް ހިޔާނާތުގެ މައްސަލައިގެ
ރިޕޯޓު ތައްޔާރުކުރެއްވުމުގައި ޗެއަރ ކުރެއްވި އިބްރާހީމް ޒާހިރު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ
ދައްކަވަމުން ޒާހިރު ވިދާޅުވީ، މިއަދު ކުންފުނިތަކުގެ ކަންކަން ރޭވިފައި ހުރީ ވެސް ވައްކަމާއި
ކޮރަޕްޝަންގެ އަމަލުތައް ހިންގޭ ގޮތަށް ކަމަށެވެ.
ހަމައެއާއެކު، އަބަދުވެސް ފެންނަމުންދަނީ ޕީސީބީން
ކޮންމެ ވެސް ކުންފުންޏަކަށް ބަދަލުތަކެއް ގެނައި ވާހަކަ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް ކުންފުނިތައް ހަރުދަނާ ކުރުމަށް އެކަށީގެންވާ
މަސައްކަތެއް ކުރެވޭތަން ފެންނަމުން ނުދާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލްގެ ތެލުގެ ހިޔާނާތުގެ މައްސަލަތަކަށް
ބަލާއިރު، އެ މައްސަލަތައް ވެސް ކަމާ ގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިވާ
ކަމަށާއި، ނަމަވެސް އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނުވާ ކަމަށް ޒާހިރު ވިދާޅުވި
އެވެ.
އެމްޕީއެލްގެ ތެލުގެ މައްސަލަ ބެލި ކޮމިޓީގެ ޗެއަރކަން
ކުރެއްވި ޒާހިރު ވިދާޅުވީ އެ ކޮމިޓީން ވަނީ ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް
އެކަމާ ގުޅޭ ރިޕޯޓުތައް ވެސް ތައްޔާރުކޮށް ހުށަހަޅާފައި ކަމަށެވެ. އެމްޕީއެލްގެ ތެރޭގައި ވެސް
ގަވަރނަންސްގެ މައްސަލަތައް ހުރި މިންވަރު އެ ރިޕޯޓު ބަލާލުމުން ފެންނާނެ ކަމަށާއި،
މިހާރު ވެސް ރައްޔިތުންގެ މަޖިލީހުގައި އެ ރިޕޯޓު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ގަވަރނަންސް
ހަރުދަނާ ނުވުމުގެ ސަބަބުން ކުންފުނިތަކުގައި ހިނގަމުންދާ ކަންކަމަށް ޖަވާބުދާރީ ކުރުވުމާއި،
ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ގިނަ ފަރާތްތަކުން ގޮވާލަމުން އަންނަ އިރު،
މި މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ލަސްވަމުން
އަންނަ ކަމަށް ފާހަގަކުރެވެ އެވެ.
ގަވަރނަންސް ހަރުދަނާ ނުވުމުގެ ސަބަބުން ސަރުކާރު
ކުންފުނިތަކުގައި ހިނގަމުންދާ ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތަކަކީ ދައުލަތަށް ބޮޑެތި
ގެއްލުންތަކެއް ލިބޭ މައްސަލަތަކެއް ކަމަށާއި، މިފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް
ވީހާ ވެސް އަވަހަކަށް ފިޔަވަޅު އެޅުން މުހިންމު ކަމަށް ޒާހިރު ފާހަގަކުރެއްވި އެވެ.