ދިވެހިރާއްޖޭގެ
ބިމާއި ޕްރޮޕަޓީ ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭނެ ގޮތް ހަދައިދިނުމަށްޓަކައި،
އެޓަރނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ބިލެއް އެކުލަވާލައި މަޖިލީހަށް
ހުށަހެޅުމަށް ތައްޔާރުވެއްޖެ އެވެ.
ރާއްޖެއެމްވީއަށް
އިތުބާރު ހުރިގޮތަކަށް ލިބިފައިވާ މައުލޫމާތުތަކަށް
ބަލާއިރު، މިކަމާ ގުޅިގެން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާއި، ބިދޭސީންނަށް ރިއަލް
އެސްޓޭޓް ޕްރޮޕަޓީ މިލްކުކުރެވޭ ގާނޫނެއް އެކުލަވާލުން ހިމެނެ އެވެ.
ދިވެހިރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ
ގޮތަށް ހެދުމަށްޓަކައި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ޑރ. އަބްދުﷲ މުއްތޮލިބް ހުށަހެޅުއްވި ކަރުދާސް، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު
ވަޒީރުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ބޭރުގެ އިންވެސްޓްމަންޓް ރާއްޖެއަށް އިތުރުކުރުމަށްޓަކައި ކަމަށް ބުނެ، ގާނޫނީ
އަދި އިދާރީ އޮނިގަނޑެއް އެކުލަވާލުމާ ގުޅޭގޮތުން ކޮންސްޓްރަކްޝަން، ހައުސިންގ
އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު އަބްދުﷲ މުއްތޮލިބު އޭރު ކެބިނެޓަށް
ހުށަހެޅުއްވި ހުށަހެޅުއްވުމާ ގުޅިގެން، ކެބިނެޓުން 2025 ވަނަ އަހަރުގެ
ސެޕްޓެމްބަރު މަހު ނިންމަވާފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި، ގާނޫނުއަސާސީއަށް
އިސްލާހު ގެނައުމާއި، ބިދޭސީންނަށް ރިއަލް އެސްޓޭޓް ޕްރޮޕަޓީ މިލްކުކުރެވޭނެ
ގާނޫނެއް އެކުލަވާލުމާއި، ރިއަލް އެސްޓޭޓް ތަރައްގީކުރުމުގެ ގާނޫނެއް އެކުލަވާލުން
ހިމެނެ އެވެ. މީގެ އިތުރުން، ޕްރޮޕަޓީއާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް ހާއްސަ
ނިޒާމެއް ގާއިމުކުރުމާއި، އިމިގްރޭޝަން
ގާނޫނަށް ބަދަލު ގެނެސް، އިންވެސްޓްކުރާ މިންވަރަށް ބަލައި ހާއްސަ ރެސިޑެންޝަލް
ވިސާ ދޫކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން ރަޖިސްޓްރާ އޮފް ޕްރޮޕަޓީޒް
އައްޔަނުކުރުން އަދި ޕްރޮޕަޓީ ރެގިއުލޭޓަރީ އޮތޯރިޓީ އޮފް މޯލްޑިވްސްގެ ނަމުގައި
އައު އިދާރާއެއް އުފެއްދުން ހިމެނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ
ގަރާރަކުން ކަނޑައަޅާ ޚާއްސަ ސަރަހައްދުތަކެއް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް
ޒޯންގެ ގޮތުގައި ތަރައްޤީކޮށް، އެތަންތަނުން ބިދޭސީންނަށް މިލްކުވެރިކަން ލިބިދާނެ
ގޮތަށް ހުށަހެޅި މި ހުށަހެޅުމުގައި، ބުނެފައިވާ ގޮތުން، މިގޮތަށް ކަނޑައެޅޭ
ސަރަހައްދުތަކުން ނުވަތަ އެތަންތަނުގައި ތަރައްގީކުރާ އިމާރާތްތަކުން ބިދޭސީންނަށް
މިލްކުވެރިކަން ލިބިގެންދާނެ އެވެ. މިއީ މިހާރު އޮންނަ ޤާނޫނީ އޮނިގަނޑަށް
ބަދަލުތަކެއް ގެނެސްގެން، ބިދޭސީ އިންވެސްޓަރުންނަށް ރާއްޖޭގެ ބިމާއި
އިމާރާތްތަކުގެ މިލްކުވެރިކަން ހޯދުމުގެ ފުރުސަތު ހުޅުވާލުމަށް މަގުފަހިކުރާނެ
ކަމެކެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ 251 ވަނަ މާއްދާ ބަޔާންކުރާ ގޮތުން، ދިވެހިރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށް ނުދެވޭނެ އެވެ. މީގެ އިތުރުން، އެ މާއްދާގައިވާ ގޮތުން، ރާއްޖެއިން ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ އެއްވެސް ބިމެއް ނުވަތަ ސަރަހައްދެއް ކުއްޔަށް ނުވަތަ އެނޫން ގޮތަކަށް ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރެވެ.
މިފަދަ ބިލެއް
އެކުލަވާލާ، މަޖިލީހަށް ހުށަހެޅުމަށް ތައްޔަރުވަމުންދާ މި ދަނޑިވަޅަކީ ރަސްމާލޭ
މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ރަށްވެހިވުމުގެ ފުރުސަތު
ލިބިގެންދާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން، ރާއްޖޭގެ އިސްލާމީ ވަހްދަތަށާއި،
ޤައުމުގެ ސިޔާދަތާއި މިނިވަންކަމަށް ނުރައްކާވެދާނެ ކަމުގެ ބޮޑު ކަންބޮޑުވުމެއް
ދިވެހި ރައްޔިތުންގެ މެދުގައި އުފެދިފައިވާ ދަނޑިވަޅެކެވެ. މީގެއިތުރުން،
ދިވެހިރާއްޖޭގެ އިގުތިސާދީ މިނިވަންކަމަށާއި ދިވެހި ސަޤާފަތަށް ކުރިމަތިވެދާނެ
ނުރައްކާތެރި އަސަރުތަކާމެދު ހުރި ކަންބޮޑުވުންތައް ވެސް ސަރުކާރުގެ ސަމާލުކަމަށް
ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ސިޔާސީ ގޮތުން ނުވަތަ ވެރިކަން ހިންގާ ފަރާތަށް ކުރިމަތިވާ
ކުދިކުދި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މަޖިލީހުގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން
ސައުވީސް ގަޑިއިރު ތެރޭގައި ގާނޫނުތައް ބަދަލުކުރުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމަށް ރައްޔިތުން
ކުރާ އިތުބާރު ކުޑަކޮށްލާފައިވާ ކަމެކެވެ.