އަޕަރ ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި 22 އަހަރުގެ އަންހެނަކަށް ބަޔަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށާފައިވާއިރު، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 އޮކްޓޫބަރު 20 ވަނަ ދުވަހު ކަމަށެވެ. މި މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު، އިތުރު މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
އެގޮތުން މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މިކަމާ ގުޅިގެން ފުލުހުން މިހާރު ގެންދަނީ މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ފުޅާ ދާއިރާއެއްގައި ތަހުގީގު ހިންގަމުންނެވެ.
މި މައްސަލައިގެ ތަހުގީގު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް މިހާރު ވަނީ އެ ރަށަށް ފޮނުވާފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މުހައްމަދު މައިސަން ޝިޔާޒު (21އ)
އާއި އަހްމަދު އިފްތިޝާމް ޒަރީރު (24އ) އާއި ނަޖުމުﷲ ހަސަން (35އ) އާއި އާޒިމް މުފީދު
(24އ) އާއި އަލީ ހުޒާމް ސައީދު (31އ) އާއި މުހައްމަދު ސާލިހު އަހްމަދު (26އ) އާއި އަހްމަދު
ނޫހު ނިޔާޒު (20އ) އާއި މުހައްމަދު މިޝަލް އަހްމަދު ޒުހައިރު (20އ) އަދި އަހްމަދު ސާނިޖު
ސާދިޤު (32އ) އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، މުހައްމަދު
ސާލިހު އަހްމަދު (26އ) އާއި، މުހައްމަދު މިޝަލް އަހްމަދު ޒުހައިރު (20އ) އާއި، ނަޖުމުﷲ
ހަސަން (35އ) އަދި އަހްމަދު ނޫހު ނިޔާޒު (20އ) 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މީގެއިތުރުން މުހައްމަދު މައިސަން ޝިޔާޒު (21އ) 10 ދުވަހަށް، އާޒިމް މުފީދު (24އ)
15 ދުވަހަށް، އަހްމަދު ސާނިޖު ސާދިޤު (32އ) 30 ދުވަހަށް ބަންދުކުރަން އަމުރުކުރިއިރު،
އަހްމަދު އިފްތިޝާމް ޒަރީރު (24އ) އާއި އަލީ ހުޒާމް ސައީދު (31އ) ބަންދުކުރަން އަމުރުކޮށްފައިވަނީ
90 ދުވަހަށެވެ.