މ. އަތޮޅާއި ދ. އަތޮޅު ހިމެނޭ ރަށެއްގައި 3 ދަރިވަރަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 2 ބިދޭސީ ޓީޗަރުން ހައްޔަރުކޮށްފައިވާ ކަަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ހޮނިހިރު ދުވަހު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ސައުތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ސުކޫލު ޓީޗަރަކު 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ 2026 އޮކްޓޫބަރު 11 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޮކްޓޫބަރު 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، 52 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާ ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އަނެއް މައްސަލައަކީ ސުކޫލު ޓީޗަރަކު 12 އަހަރާއި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، ސައުތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، ސުކޫލު ޓީޗަރަކު 12 އަހަރާއި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ 2026 އޮކްޓޫބަރު 17 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އޮކްޓޫބަރު 23 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، 52 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އޭނާ ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.