ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި ރޯވި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އެއްގެ އެއްކޮށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ. 

ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ
ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ

މި އަލިފާނުގެ ހާދިސާ ހިނގި ކަމުގެ ރިޕޯޓު ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:15 ގަ އެވެ. އަލިފާން އެއްކޮށް ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނީ މެންދުރު 12:05 ގަ އެވެ. މިމަސައްކަތް ކޮށްފައިވަނީ އެމްއެންޑީއެފްގެ އިތުރުން ފުލުހުންނާއި، އާއްމު ރައްޔިތުން ގުޅިގެންނެވެ. 

މިހާދިސާއާ ގުޅިގެން އެންޑީއެމްއޭއިން ބުނީ، މި ހާދިސާގައި 1 ގެއެއް އަނދައި ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، ކައިރީގައި ހުރި އިތުރު 3 ގެއަކަށް ވެސް އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. 

ހާދިސާ ހިނގި ސަރަހައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގައި ހުރި ގޭގޭގެ މީހުން ރައްކާތެރި އެހެން ގެތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމަށް ވެސް އެއޮތޯރިޓީން ބުނެ އެވެ. 

މި ހާދިސާގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްގެން ބައެއް ފަރާތްތަކަށް ފުނަދޫ ހޮސްޕިޓަލުގައި ފަރުވާދީފައިވާކަން ފާހަގަކޮށް އެންޑީއެމްއޭއިން ބުނީ، ހާލަތު އިތުރަށް ބަލައި މޮނީޓަރ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ

ށ. ފުނަދޫ ބަނދަރު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑެއްގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ|އެންޑީއެމްއޭ

އެރަށުގެ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި، އަލިފާނުގެ ހާދިސާގައި 18 މީހަކަށް ދުމުގެ އަސަރުކޮށްފައިވެ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނަށް އެކި ވަރުގެ ކުދި އަނިޔާތައް ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ. 

މި ހާދިސާގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދެންޖެހޭ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ބުނެ އެވެ. 

ފުނަދޫގައި އަމިއްލަ ވިޔަފާރިއަކުން ހަމައެކަނި އޮޕަރޭޓްކުރާ "ފަތްމިނި" ނަމަކަށް ކިޔާ ޕެޓްރޯލް ޝެޑްގައި ރޯވި ސަބަބެއް މިހާތަނަށް ސާފެއްނުވެ އެވެ. 

ޕެޓްރޯލް ޝެޑު އަނދައި ހުލިވުމުން ފުނަދޫ ވަނީ ޕެޓްރޯލަށް ޖެހިފަ އެވެ. އަދި  ޕެޓްރޯލް ލިބޭނެ ގޮތްތައް ހޯދުމަށްޓަކައި ކައުންސިލުން ސަރުކާރާ މަޝްވަރާ ކުރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ. 

ފުނަދޫގައި ހިނގި މިހާދިސާއާ ގުޅިގެން މުޅި ރަށުތެރޭގައި ދުން ބޯވުމުގެ ސަބަބުން ސްކޫލުގެ ކިޔެވުން ވަނީ މެދުކަނޑާލާފަ އެވެ.