ރައީސް ޑރ. މުހައްމަދު މުއިއްޒު ގާނޫނުއަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރައްވާ ކަމަށާއި، އެކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ ބަސްބުނަންޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި "ދިވެހީންގެ ބިން ދިވެހީންނަށް" ޚާއްސަ ފޯރަމުގެ އޯޑިއަންސްގައި އިންނަވައި ވާހަކަދައްކަވަމުން ޝެއިޚް އިމްރާން ވިދާޅުވީ، ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސް ކުންފުންޏަށް ދާއިމަށް ދީފައިވާ ކަމަށް ބުނާ މައްސަލައަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ.

ސީދާ ގާނޫނުއަސާސީގެ ބާރު ކަނޑާލައިގެންނޭ މި އުޅެނީ ވެރިއަކަށް ހުރި މީހަކު. އެހެންވީމާ މިއީ އާދައިގެ ކަމެއްގެ ވާހަކައެއް ނޫން 
އިމްރާން އަބްދުﷲ

ބޭރުގެ ކުންފުނިތަކުން އެކި ގައުމުތަކުގައި ޕްރޮޖެކްޓްތައް ހިންގާއިރު، އެ ތަންތަނުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މައްޗަށް ބާރުފޯރުވުމަށް މަސައްކަތްކުރާކަން ފާހަގަކުރައްވައި، ހެންލީ އެންޑް ޕާޓްނާސް ފަދަ ފަރާތްތަކުގެ ނުފޫޒުތަކާމެދު ސަމާލުވާންޖެހޭ ކަމަށް ޝެއިޚް އިމްރާން ވިދާޅުވި އެވެ.

މީގެ އިތުރުން، ގިނަ ގައުމުތަކުގައި މިފަދަ ކަންކަން އެނގެނީ ހުރިހާ ކަމެއް ނިމި ބޮޑެތި ހަމަނުޖެހުންތަކާއި ހިތާމަވެރި ހާދިސާތައް ހިނގާ ފަހުން ކަމަށާއި، ނަމަވެސް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކުރިން މި މައްސަލަތައް ފެންމަތިވެ ރައްޔިތުން ވާހަކަދައްކަން ފެށުމަކީ ލިބުނު ބޮޑު ނަސީބެއް ކަމަށް ޝެއިޚް އިމްރާން ވިދާޅުވި އެވެ. 

އެހެންކަމުން ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މައްޗަށް ބަޔަކު ސަވާރުވިޔަ ނުދީ، މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ރައްޔިތުން ތެދުވެ ބަސްބުނުމަށް ޝެއިޚް އިމްރާން ގޮވާލެއްވި އެވެ. ޝެއިޚް އިމްރާން ވިދާޅުވީ، ރައްޔިތުން މި މަސައްކަތުގައި ކުރިއަށްދާނަމަ، އެ ފަރާތްތަކުގެ ފަހަތުގައި ނުތިބޭނެ ކަމަށާއި އަބަދުވެސް ތިބޭނީ ރައްޔިތުންނާ އެއް ސަފެއްގައި ނުވަތަ އިސް ސަފުގައި ކަމަށެވެ. އަދި ސޯޝަލް މީޑިއާ ފަދަ ވަސީލަތްތައް މެދުވެރިކޮށް ވެސް އެންމެން ގުޅިގެން އަޑުއުފުލައި، ގާނޫނުއަސާސީއާއި ބިމާއި ދީން ހިމާޔަތްކުރުމުގެ މަސައްކަތް ރައްޔިތުން ބާރަށް ކުރިއަށް ގެންދިއުމަށް ވެސް ޝެއިޚް އިމްރާން ގޮވާލެއްވި އެވެ.