ގައުމާއި ދައުލަތުގެ ސިޔާދަތު ވިއްކާލައިގެން އަދި ބަޔަކަށް ގައުމު ލޫޓުވާލުމުގެ ފުރުސަތު ދީގެން ރައްޔިތުންނަަށް ބޯހިޔާވަހިކަން ހޯދައިދޭކަށް ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އިން ތަން ނުދޭ ކަމަށް ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ. 

"ދިވެހީންގެ ބިން ދިވެހީންނަށް"، ޚާއްސަ ފޯރަމުގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހުރީއްޔާ އަށް ވެވަޑައިގެންނެވީ ކޮން ގޮތަކުންތޯ މިއަދު ސުވާލު ކުރަން ޖެހޭ ކަމަށެވެ. އެއީ ކޮން ފޮތެއްގައި ލިޔެވިގެން އެމަނިކުފާނަށް ދެވުނު މަގާމެއްތޯ ބަލާއިރު، މި ހުރިހާ ކަމެއް ލިޔެވިފައިވަނީ ފެހި ގާނޫނު އަސާސީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޯޗެއްގަ ހެއްޔޭ، ކޮން ޑޮކިއުމަންޓެއްގައި ހެއްޔޭ ބުނަނީ ރާއްޖޭގައި ބާއްވާ އިންތިޚާބަކުން އެންމެ ގިނަ ވޯޓު ހޯދާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާ މީހާއޭ. ޑރ. މުއިއްޒަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް މި އިއުލާނުކުރެވެނީ ކޯޗެއްގައި ކިހިނެއް ލިޔެވިފައި އޮވެގެންހޭ.  ސުވާލުގެ ޖަވާބު ވަރަށް ސާފު. އެވާހަކަ ލިޔެވިފައި އޮތީ ދިވެހިރާއްޖޭގައި އަޅުގަނޑުމެން މި ކިޔާ ފެހި ގާނޫނު އަސާސީގައި
އަލީ ހުސައިން

އަލީ ހުސައިން ވިދާޅުވީ ގާނޫނު އަސާސީގައި ދައުލަތުގެ މުދަލާއި، ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ހުރި މާއްދާތަކެއް ވެސް ވާ ކަމަށެވެ. 

އޭގެ ތެރެއިން އެންމެ މުހިއްމު އެއް ވާހަކައަކީ ގާނޫނު އަސާސީގެ 23 ވަނަ މާއްދާގައިވާ ވާހަކަތައް ކަމަށާއި އެ މާއްދާގައި ބުނަނީ ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރަކުން ބޯހިޔާވަހިކަމާއި ގެދޮރާއި އަދި އެހެނިހެން ބައެއް ވަސީލަތްތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. 

ގާނޫނު އަސާސީ ބުނަނީ ގައުމު ވިއްކާލައިގެން، ދައުލަތުގެ ސިޔާދަތު ވިއްކާލައިގެން ބަޔަކަށް ގައުމު ލޫޓުވާލުމުގެ ފުރުސަތު ދީގެން އެކަން ކުރާ ވާހަކަ އެއް ނޫން. ދައުލަތުގެ ކުޅަދާނަކަން ހުރި މިންވަރަކުން، މާލީ ތަނަވަސްކަން ހުރި މިންވަރަކުން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި. އިސްތިގުލާލަށް ބުރޫއަރާ ގޮތަށް، ދިވެހީންގެ ދިރިއުޅުމާ ދިވެހީންގެ ހަމަޖެހުމާއި ސަލާމަތާއި މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރާގޮތަށް އެކަން ކުރާކަށް ގާނޫނު އަސާސީގެ 23 ވަނަ މާއްދާ ޖާގަ އެއް ނުދޭ
އަލީ ހުސައިން

އަލީ ހުސައިން ވިދާޅުވީ ސިޔާސަތެއް ކަނޑައަޅާނަމަ، ގެޒެޓުގައި ޝާއިއު ކުރަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގެ 61 ވަނަ މާއްދާގެ (ހ) އަދި (ނ) ގައި ބުނާ ކަމަށެވެ.

ރަސްމާލެ މަޝްރޫއާ ގުޅިގެން މިހާތަނަށް ސޮއިކޮށްފައިވަނީ ހަމައެކަނި ލެޓަރ އޮފް އިންޓެންޓް (ކޮމާޝަލް ޓަރމްސް އެގްރީމެންޓް) އެއްގައި ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެފައިވާ ކަމަށާއި އަމަލީ ގޮތުން މަޝްރޫއު ފެށުމުގެ ކުރިން، އެ އެއްބަސްވުމުގައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް އިތުރަށް މަޝްވަރާކޮށްގެން ޑެފިނިޓިވް އެގްރީމެންޓްތަކެއްގައި ސޮއިކުރަންޖެހޭނެ ކަަމަށް އުޝާމް ވިދާޅުވެފައިވާއިރު، އެ އެއްބަސްވުމުގައި ސޮއިކުރެވޭނެ އެއްވެސް ސިޔާސަތެއް ނެތް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

މިކަމާ ގުޅުންހުރި ޤާނޫނުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭނެ ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވިކަން ފާހަގަކުރައްވާ އަލީ ހުސައިން ވިދާޅުވީ ރަސްމާލެ އިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް ބޭރުގެ ބަޔަކަށް ދިނުމަށް ސޮއިކުރުމަށްފަހު ގާނޫނު ހަދާނަމަ، އެއީ ގާނޫނު އަސާސީއާ އެއްގޮތަށް ކުރާ ކަމެއް ކަމެއްތޯ ނުވަތަ ނޫންތޯ ރައްޔިތުން ވިސްނަން ޖެހޭ ކަމަށް ވެސް އަލީ ހުސައިން ވިދާޅުވި އެވެ. އަލީ ހުސައިން ވިދާޅުވީ ނެތް ސިޔާސަތެއްގެ މައްޗަށް ބިނާކޮށް ކަމެއް ކުރުމުގެ ބާރު އެއްވެސް މީހަކަށް ގާނޫނު އަސާސީ އިން ލިބިގެން ނުވާ ކަމަށެވެ.