މީހުން ވަޅުލުމަށް ވަޅު ކޮނުމުން ފެން އަރާތީ ހުޅުމާލޭ ސަހަރާގައި  މީހުން ވަޅުލުން މެދުކަނޑާލައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުމަށްޓަކައި ވަޅުކޮނުމުން  8 އިންޗި އާއި 9 އިންޗިއާއި ދެމެދު ފެން އޮތުމުގެ ސަބަބުން ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލާފައިވާ ކަމަށެވެ. 

ސިޓީ ކައުންސިލުން ބުނީ އެހެން ކަމުން މައްޔިތުން ވަޅުލުން މިހާރު ވަނީ މާލެ އާސަހަރާ އަށް ބަދަލު ކުރެވިފައި ކަމަށެވެ. 

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، ހުޅުމާލެ ސަހަރާއިން ފެން ނުހިނދޭތީ، މިވަގުތަށް މީހުން ވަޅުލުން މެދުކަނޑާލާފައިވާއިރު ހުޅުމާލޭ ސަހަރާއަަކީ އަބަދުވެސް ވިއްސާރަ ދުވަސްވަރާއި ދިމާކޮށް ފެންބޮޑުވާ ތަނަކަށް ވާއިރު، ވިއްސާރަ ދުވަސްވަރާ ދިމާކޮށް މީގެކުރިން ވެސް ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލަން ޖެހެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެ ސަރަހައްދަށް ވެސް ވަރަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.