ގެދޮރުވެރިވުމުގެ
ގައުމީ ޕްރޮގްރާމްގެ ދަށުން ހިންގާ ހެލްޕް ޓު ބިލްޑް އަދި ހެލްޕް ޓު ބައި ސްކީމްތަކަށް
ކުރިމަތިލުމުގެ ފުރުސަތު ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ކޮންސްޓްރަކްޝަން
މިނިސްޓަރުު ޑރ. އަބްދުﷲ މުއްތޮލިބް ހާމަކުރައްވައިފި އެވެ.

މިނިސްޓަރުު
ލިއުއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދެ ސްކީމަކީ ވެސް އިކުއިޓީގެ ގޮތުގައި ދައްކަންޖެހޭ
ފުރަތަމަ ފައިސާ ދެއްކުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ދެ ސްކީމް
ކަމަށެވެ. މިގޮތުން ލޯނު އަނބުރާ ދެއްކުމުގެ ގާބިލުކަން ހުރި ނަމަވެސް ޑިޕޮސިޓް ފައިސާ
ނެތުމުގެ ސަބަބުން ގެދޮރުވެރިނުވެވި ތިބި އާއިލާތަކަށް އެ ފުރުސަތު ފަހިވެގެންދާނެ
ކަމަށް މިނިސްޓަރުު ފާހަގަކުރެއްވި އެވެ.

މިދިޔަ އޮކްޓޫބަރު
މަހުގެ 18 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، ހައުސިންގ
ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީއާއެކު
މި ސްކީމްތަކަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވެ އެވެ.

މިނިސްޓަރު
ވިދާޅުވި ގޮތުގައި ހެލްޕް ޓު ބިލްޑް ސްކީމަކީ އަމިއްލަ ބިން އޮވެ އެކަށީގެންވާ ބޯހިޔާވަހިކަމެއް
ނެތް ފަރާތްތަކަށް އެ ބިމުގައި ގެދޮރު ބިނާކުރުމަށް ބޭނުންވާ ލޯނު ހޯދުމަށް އެހީތެރިވެދޭ
ސްކީމެކެވެ. މި ސްކީމްގައި އެއް މިލިއަން ރުފިޔާގެ ލޯނަކަށް ބޭނުންވާ 20 އިންސައްތަ
އިކުއިޓީ ހަމަޖެއްސުމަށްޓަކައި، ސަރުކާރުން 200,000 ރުފިޔާއާ ހަމައަށް ފައިސާ ދޭނެ އެވެ.

މި ސްކީމްގެ
ފުރަތަމަ މަރުހަލާގައި ހިމެނެނީ މާލެ ސިޓީގެ އިތުރުން އަތޮޅުތެރެއިން ކަނޑައެޅޭ ވަކި
ރަށްތަކެކެވެ. ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅު މި މަރުހަލާގައި ނުހިމެނުނު
ނަމަވެސް، ކުރިއަށް އޮތް މަރުހަލާތަކުގައި އެ ތަންތަން ހިމެނޭނެ އެވެ.

މާލޭގައި
އާއިލީ ބިމެއްގައި އެކަކަށްވުރެ ގިނަ ވެރިން ގުޅިގެން އިމާރާތްކުރާނަމަ، ކޮންމެ ވެރިއަކަށް
200,000 ރުފިޔާއާ ހަމައަށް، އަދި މުޅި ބިމަށް ޖުމްލަ އެއް މިލިއަން ރުފިޔާއާ ހަމައަށް
އެހީ ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު
އިތުރަށް ވިދާޅުވި ގޮތުގައި ހެލްޕް ޓު ބައި ސްކީމަކީ އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް
ހާއްސަ ސްކީމެކެވެ. މި ސްކީމްގެ ދަށުން ސަރުކާރުން 250,000 ރުފިޔާއާ ހަމައަށް އެހީތެރިކަން
ފޯރުކޮށްދޭނީ އަގުހެޔޮ ބޯހިޔާވަހިކަމުގެ ދަށުން، މީހުން ދިރިއުޅޭ ރަށްރަށުގައި އަމިއްލަ
ޑިވެލޮޕަރުން އިމާރާތްކޮށްފައިވާ 1.5 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑުނޫން ގެދޮރު
ގަތުމަށެވެ. މިއީ ރަށްރަށުގައި ގެދޮރު ގަތުމުގެ އަގު ތިރިކުރުމަށް ޚާއްޞަކޮށްގެން ހިންގާ
ހަރަކާތެކެވެ.

މިނިސްޓަރު
ހިއްސާކުރެއްވި ގޮތުގައި މި ފައިސާ ލޯނު ދޫކުރާ އިދާރާ މެދުވެރިކޮށް ސީދާ ޑިވެލޮޕަރަށް
ދެއްކުމުން، ގެދޮރުގެ އަގުން އެ މިންވަރު އުނިވެގެންދާނެ އެވެ. މިސާލަކަށް 1.5 މިލިއަން
ރުފިޔާގެ ގެއެއްނަމަ، މިއީ މުޅި އަގުގެ ހަބައިކުޅަ އެއްބައެވެ. މީގެ ސަބަބުން 20 އިންސައްތަ
ޑިޕޮސިޓްގެ ގޮތުގައި ދައްކަންޖެހޭ 300,000 ރުފިޔާގެ ބަދަލުގައި، އާއިލާއިން އަމިއްލައަށް
ދައްކަންޖެހޭނީ އެންމެ 50,000 ރުފިޔާ އެވެ.

މި ސްކީމްގެ
ކުރިއަށް ހުރި މަރުހަލާތަކުގައި މާލެ ސިޓީން އަލަށް އެޕާޓްމަންޓް ގަންނަ ފަރާތްތަކަށްވެސް
މި ފުރުސަތު ފުޅާކުރުމަށް ރޭވިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު
އިތުރަށް ވިދާޅުވީ، މި އެހީއަކީ ލޯނެއް ނޫން ކަމަށާއި، މިއީ ސަރުކާރުން ދޭ ހިލޭ އެހީއެއް
ކަމަށެވެ. އަދި މި ފައިސާ އަނބުރާ ދައްކަންޖެހޭނީ ހަމައެކަނި ވިހި އަހަރު ނުވަނީސް
އެ ގެދޮރު ވިއްކާލާ ހާލަތެއްގައިކަމަށް ވިދާޅުވި އެވެ.

މި ސްކީމްތަކަށް
ކުރިމަތިލުމުގެ ފުރުސަތު ނޮވެމްބަރު މަހު ހުޅުވާލާއިރު އެކަމަށް ބޭނުންވާ ފުރިހަމަ
އުސޫލުތަކާއި ކުރިމަތިލާނެ ގޮތުގެ ތަފްސީލު މިނިސްޓްރީން އާންމުކުރާނެ އެވެ. މި ސްކީމަށް
ކުރިމަތިލާން ގަސްދުކުރާ ފަރާތްތަކުން މިހާރުން ފެށިގެން ތައްޔާރުވުމަކީ މުހިންމު ކަމެއް
ކަމަށް މިނިސްޓަރުު ފާހަގަކުރެއްވި އެވެ.