ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ދިފާއީ ދާއިރާއިން
ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއް ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާތީ،
އެކަންކަން ވަރަށް ގާތުން ބަލަމުންދާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން
މިކަން ހާމަކުރީ އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ބޭއްވި ނޫސްވެރިންގެ
ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް
ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު 20 އެއްބަސްވުމާ
ގުޅޭގޮތުން އިންޑިއާގެ ނޫސްވެރިން ވަނީ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީއަށް ސުވާލު
އަމާޒުކޮށްފަ އެވެ.
މީގެ ތެރޭގައި ދިފާއީ ދާއިރާއިން އެއްބާރުލުން
ދިނުމުގެ އެއްބަސްވުން ހިމެނޭތީ، އެކަމުގައި އިންޑިއާގެ ދިފާއީ އަދި ޚާރިޖީ މަސްލަހަތުތަކާ
ގުޅޭގޮތުން ސުވާލުކޮށްފައިވެ އެވެ.
މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ތަރުޖަމާނު
ރަންދީރު ޖައިސްވާލް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބަސްވުންތަކެއް
ގާއިމުކޮށްފައިވާކަން އިންޑިއާ ސަރުކާރަށް އެނގިފައިވާ ކަމަށެވެ. އަދި މިފަދަ ކަންކަމަކީ
އިންޑިއާއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން، ވަރަށް ގާތުން ބަލަމުންދާ ކަންތައްތަކެއް
ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ޖައިސްވާލް ވިދާޅުވީ، މި ސަރަހައްދުގެ
މަސްލަހަތާއި އިންޑިއާގެ ސަލާމަތަށް ބަލައި، މިފަދަ ކަންކަމުގައި އަޅަންޖެހޭ އެކަށީގެންވާ
ކޮންމެ ފިޔަވަޅެއް އިންޑިއާ ސަރުކާރުން އަޅަމުންދާނެ ކަމަށެވެ. ނަމަވެސް، އެއީ ކޮން
ފިޔަވަޅުތަކެއް ކަމެއް އޭނާ ތަފްސީލެއް ނުކުރައްވަ އެވެ.
ރާއްޖެއާއި ޕާކިސްތާނާ ދެމެދު ގާއިމުކުރި އެއްބަސްވުންތަކުގެ
ތެރޭގައި އިގްތިސާދީ، ތައުލީމީ އަދި ސަގާފީ ދާއިރާގެ އިތުރުން ދިފާއީ ދާއިރާއިން ގުޅުން
ބަދަހިކުރުން ހިމެނެ އެވެ.
އިންޑިއާއިން މިހެން ބުނެފައިމިވަނީ ރައީސް މުއިއްޒުއާ އެކު ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ދެއްވި
ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު
ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް
ދާންޖެހިދާނެކަމުގެ އިންޒާރު ދެއްވާފައިވާ ދަނޑިވަޅެއްގައިކަން ވެސް ފާހަގަ ކުރެވެ
އެވެ.
ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން 20
އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ބޭއްވި ގުޅިފައިވާ ނޫސްވެރިންގެ
ބައްދަލުވުމުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ،
ރައީސް މުއިއްޒުއާ އެކު ބޭއްވެވި ރަސްމީ
ވާހަކަފުޅުތަކުގައި ދެ ގައުމުގެ މަސްލަހަތާ ގުޅުންހުރި މުހިންމު ކަންކަމުގެ
އިތުރުން، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާ ގުޅޭގޮތުން ފުޅާ
ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށެވެ.
ބޮޑުވަޒީރު ޝެހްބާޒް އިތުރަށް ވިދާޅުވީ،
އިންޑިއާއިން އިސްތިއުމާރުކޮށްފައިވާ ޖައްމޫ އަދި ކަޝްމީރުގެ މައްސަލައިގައި
ޕާކިސްތާނުން ގެންގުޅޭ އުސޫލީ ސިޔާސަތު ރައީސް މުއިއްޒު އަށް ތަފްސީލުކޮށްދެއްވާފައިވާ ކަމަށެވެ. އަދި އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ
އެއްގޮތްވާ ގޮތުގެ މަތިން އެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް
އިސްލާމްއާބާދުން މަސައްކަތް ކުރާނެކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން، 2025 ވަނަ އަހަރުގެ އޭޕްރީލް
މަހުން ފެށިގެން 'އިންޑަސް ވޯޓާސް ޓްރީޓީ' (އައިޑަބްލިއުޓީ) ނުވަތަ ސިންދު
ކޯރުގެ ފެނާ ގުޅޭ މުއާހަދާއަށް އަމަލުކުރުން ހުއްޓާލުމަށް އިންޑިއާއިން ނިންމި
ނިންމުމާމެދު ޕާކިސްތާނުން އިންތިހާއަށް ކަންބޮޑުވާކަން ބޮޑުވަޒީރު ހާމަކުރެއްވި
އެވެ. އަދި މިއީ ބައިނަލްއަގުވާމީ ގޮތުން ދެ ގައުމުން އަމަލުކުރަން ލާޒިމުކުރާ
މުއާހަދާއަކާ ޚިލާފު އަމަލެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އެހެންކަމުން، މި މުއާހަދާއާ ޚިލާފަށް ކުރާ
ކޮންމެ އަމަލަކީ ޕާކިސްތާނާ ދެކޮޅަށް ކުރެވޭ ހަނގުރާމައިގެ އަމަލެއްގެ ގޮތުގައި
ބަލާނެކަން އެންމެހާ ފަރާތްތަކަށް އެނގެންޖެހޭނެކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވެފައިވެ
އެވެ.