ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައާއި ހަރުކަށި ފިކުރު ހުއްޓުވުމުގެ ދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތަކާއި ކެރިއަރުގެ ކުރިއެރުންތައް އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ފުލުހުންގެ ޚިދުމަތުގެ މިހާރުގެ އޮނިގަނޑުތައް ތަރުތީބުކޮށް، އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަބްދުއްރަހްމާން ވިދާޅުވެއްޖެ އެވެ.

އޭސީޕީ މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އަންހެން އޮފިސަރުންގެ ބައިވެރިވުން އިތުރުކޮށް، ފުރުސަތުތައް ފަހިކުރުމަށްޓަކައި ހެދި "އިންސްޓިޓިއުޝަނަލް ސެލްފް-އެސެސްމަންޓް" ގެ ހޯދުންތަކާއި ހުށަހެޅުންތައް ދިރާސާކުރުމަށް ބޭއްވި ވެލިޑޭޝަން ވޯކްޝޮޕުގަ އެވެ. 

މި އެސެސްމަންޓަކީ ޔޫރަޕިއަން ޔޫނިއަން އަދި އދ. ގުޅިގެން ހިންގާ، އދ. ގެ އޮފީސް އޮފް ކައުންޓަރ-ޓެރަރިޒަމް އިން ތަންފީޒުކުރާ "އީޔޫ-ޔޫއެން ގްލޯބަލް ޓެރަރިޒަމް ތްރެޓްސް ފެސިލިޓީ (ޔޫއެންއޯޓީސީ)" ގެ އެހީތެރިކަމާއެކު، ފުލުހުންގެ ޚާއްސަ ޓީމަކުން ކުރިއަށްގެންދިޔަ ދިރާސާއެކެވެ. މި އެސެސްމަންޓް ކުރިއަށް ގެންގޮސްފައިވަނީ، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައާއި، ހަރުކަށި ފިކުރު ހުއްޓުވުމުގެ ދާއިރާގައި އަންހެނުންނަށް ހުރި ފުރުސަތުތަކާއި ކެރިއަރ ކުރިއެރުންތައް އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. 

މި އެސެސްމަންޓުގެ މަސައްކަތް 2026 ޖުލައި މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވަނީ ޔޫއެންއޯސީޓީގެ 4 މާހިރުންގެ ފަންނީ އެހީތެރިކަމާއެކު، ދިވެހި ފުލުހުންގެ 13 މުވައްޒަފުންގެ މައްޗަށް އެކުލެވޭ ޓީމަކުންނެވެ. މި ދިރާސާއަށް މައުލޫމާތު އެއްކޮށްފައިވަނީ އޮގަނައިޒޭޝަނަލް ސްކޭނަކާއި، ކަމާގުޅުންހުރި ފަރާތްތަކުގެ އިންޓަވިއުތަކާއި، ފޯކަސް ގްރޫޕް މަޝްވަރާތަކުގެ އިތުރުން ސިއްރު ސަރވޭއެއް މެދުވެރިކޮށެވެ.

ދިރާސާގެ ހޯދުންތަކުން ދައްކާގޮތުގައި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ފުލުހުންގެ އެގްޒެކެޓިވް ލީޑަރޝިޕުން ދެއްވާ އެއްބާރުލުމާއި، ވެލްފެއަރ އިނާޔަތްތަކާއި، ވިހެއުމާ ގުޅިގެން ދެވޭ މުސާރައާއެކު ޗުއްޓީ އަދި މުއައްސަސާގެ ތެރޭގައި އަންހެނުން ބާރުވެރިކުރުވުމަށް ގާއިމުކޮށްފައިވާ ހަރުދަނާ އުސޫލުތަކަކީ ފާހަގަކޮށްލެވޭ ރަނގަޅު ކަންމެއްގެ ގޮތުގައި ފާހަގަކޮށްފައިވެ އެވެ. 

އެކަމަށް އިޝާރާތް ކުރައްވައި އޭސީޕީ ވަނީ އެސެސްމަންޓް ޓީމުން ކުރި ބުރަ މަސައްކަތަށާއި، ހުށަހެޅި ހޯދުންތަކަށް ތައުރީފުކުރައްވާފަ އެވެ. އަދި ރިޕޯޓުގެ ހުށަހެޅުންތައް ތަންފީޒުކުރުމަކީ މުއައްސަސާއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާނެ ކަމެއް ކަމުގެ ޔަގީންކަން ދެއްވި އެވެ.

މީގެއިތުރުން، ޚިދުމަތުގެ މިހާރުގެ އޮނިގަނޑުތައް ތަރުތީބުކޮށް އިތުރަށް ހަރުދަނާކުރުމަށް މި ދިރާސާގެ ސަބަބުން ފަސޭހަވާނެ ކަމަށާއި، މި މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށް އޭސީޕީ ވިދާޅުވި އެވެ.

މި ވޯކްޝޮޕްގައި ވަނީ ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ދައުރު ވަރުގަދަކުރުމަށް މި ރިޕޯޓުގެ ހުށަހެޅުންތައް ތަންފީޒުކުރުމުގައި ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފަ އެވެ.