ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ފުވައްމުލަކު ސިޓީ މޭޔަރު އިސްމާއީލް ރަފީޤް އާއެކު ގިނަ ކައުންސިލަރުންތަކެއް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެންޑޯޒް ކުރައްވައިފި އެވެ.

މިކަން ހާމަކުރައްވާފައި ވަނީ ހޮނިހިރު ދުވަހުގެރޭ ހުޅުމާލޭ ވަންސެންޓްރަލްގައި ބޭއްވި ފުވައްމުލަކު ސިޓީގެ ކެމްޕެއިން ކޯޑިނޭޓަރުންގެ ބައްދަލުވުމުގަ އެވެ. އެގޮތުން އެ ސިޓީ މޭޔަރާއި އިތުރު 7 ކައުންސިލަރުން ވަނީ ފައިސަލް އެންޑޯސް ކުރެއްވިކަން ހާމަކުރައްވާފަ އެވެ. 

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުވައްމުލަކު ސިޓީ މޭޔަރު އިސްމާއީލް ރަފީޤު ވަނީ ފައިސަލް ވެރިކަމަށް ކުރިމަތިލެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ނިމިދިޔަ އެމްޑިޕީ ވެރިކަމުގައި ފައިސަލް އަދި އާޒިމް ކުރެއްވި މަސައްކަތަކީ އެ ދެ ބޭފުޅުންނަށް އިތުބާރު ކުރަން ޖެހޭ އެއް ސަބަބު ކަމަށް އޭނާ ވިދާޅުވި އެވެ.  

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީން ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރަސްމީކޮށް އިއުލާނުކުރައްވާފައި ވަނީ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގަ އެވެ.

ފައިސަލް ފާހަގަކުރެއްވި ގޮތުގައި ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވުމުގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދު އެބައޮތެވެ. ރައީސް ސޯލިހަކީ ނިމުނު ސަރުކާރުގައި ރައްޔިތުންނަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރައްވައި، މި މަސައްކަތަށް ނުކުންނަވަނީ ގައުމުގައި ހުރި ބޮޑެތި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ވަރުގަދަ ޓީމަކާއެކު ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި އާދަމް އާޒިމް ފަދަ ހީވާގި ބޭފުޅަކު އަރިހުގައި ހުންނެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވެސް ވިދާޅުވި އެވެ. 

ފައިސަލްއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރެއްވި 4 ވަނަ ބޭފުޅާ އެވެ. ޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް، ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އަދި ރައްޔިތުން މަޖިލިސް މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ.