އެމަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދިނުމާއެކު ދިވެހިންނަށް އިސްކަންދިނުމަކީ އެންމެ ބޮޑު އަމާޒު ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ، ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި އަބަދު ދަރަނި އަދާނުކުރެވި، ސަލާން ޖަހަންޖެހޭ ހާލަތުން އަރައިގަނެ، އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި އުފެއްދުންތެރި ބަޔަކަށް ދިވެހީން ވާންޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ. 

ފައިސަލް ވިދާޅުވީ، ރާއްޖޭގައި ހިންގާ އެކި ވިޔަފާރިތަކުގެ ތެރެއިން ދިވެހިންނަށް ވަދެވެން އޮތް ކޮންމެ ދާއިރާއަކުން ވެސް އިސްކަން ދޭންވާނީ ދިވެހިންނަށް ކަމަށެވެ. ނަމަވެސް މިހާރު މި ފުރުސަތު ނެތް ކަމަށާއި، ހުރިހާ ގޮތަކުން ރައްޔިތުންނަށް ދަތި ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ހުރިހާ ދާއިރާއަކުން ވެސް ރާއްޖެއަށް ހެޔޮ ބަދަލުތައް ގެންނަން ޖެހިފައިވާ ކަމަށެވެ. 

އެއީ ރިސޯޓެއް ހިންގާ ތާޑް ޕާޓީ އޮޕަރޭޝަނަކަށް ވިޔަސް އަދި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ވިޔަސް، އެ ނޫން ކަންތައްތަކަށް ވިޔަސް، ދިވެއްސަކު ވަންނަން އޮންނަ ކޮންމެ ކަމަކަށް އިސްކަންދިނުމަކީ މަގޭ އެންމެ ބޮޑު ޕްރަޔޮރިޓީ
ފައިސަލް ނަސީމް

ވަޒީފާ ހޯދުމުގައި ވިޔަސް އަދި އަމިއްލަ ވިޔަފާރިއެއް ކުރުމުގައި ވިޔަސް ދިވެހިންނަށް އެ ފުރުސަތު ފަހިވެފައި އޮންނަން ޖެހޭ ކަމަށާއި، އެމްޑީޕީގެ ވެރިކަމުގައި ހައްލު ހޯދައިދޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.  

ފައިސަލް ވިދާޅުވީ ގައުމުގެ ހުންގާނު ހިފަހައްޓަން ޖެހޭނީ ރައްޔިތުންގެ އިހުސާސްތައް ދަންނަ ބޭފުޅެއް ކަމަށާއި، ރާއްޖެއަށް ބޭނުންވާ ބަދަލުތައް ގެނެވޭނެ ވިސްނުން ހުރި މީހަކަށް ވާންޖެހޭ ކަމަށެވެ. އަދި ވަރަށް ގިނަ މީހުންނާއި ޓީމުތަކާ އެކު އަމަލީ ގޮތުން މަސައްކަތްކޮށް ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ކަމަށާއި، އެ ތަޖުރިބާއާ އެކު ގައުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފައިސަލް ވިދާޅުވި އެވެ.