ތަކެތީގެ އަގާއި ކަރަންޓު އަދި ފެން ބިލު ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާތީ ދ. ބަނޑިދޫ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. 

ރާއްޖެޓީވީން ގެނެސްދޭ "ހާލު ކިހިނެއް" ޕްރޮގްރާމްގައި ބަނޑިދޫގެ ރައްޔިތުން ވަނީ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އެގޮތުން ބަނޑިދޫއިން ވާހަކަ ދެއްކި އުމުރުން ދުވަސްވީ މީހަކު ބުނީ އަތޮޅުތެރޭ ރަށްރަށަށް ވަޑައިގެން ރައްޔިތުންގެ "ބޯ ކާ" ވެރިކަމެއް މި ނޫނީ ނާންނަ ކަމަށެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ފައިދާއަށްޓަކައި ރައްޔިތުންގެ ފިކުރިއްޔާތު ބަދަލުކުރަމުން ކަމަށް އޭނާ ބުންޏެވެ. އަދި މުޅި ގައުމު ހަލާކުކޮށްލާފައިވާ ކަމަށް ބުނެ، އޭނާ ވަނީ ރައީސް މުއިއްޒުއަށް މެސެޖްއެއް ރައްދުކޮށްފަ އެވެ. 

އަޅުގަނޑު ފުރަތަމަ ބޭނުންވަނީ މުއިއްޒުއަށް މެސެޖްއެއް ދޭން. ދިޔަވަރެއް ނެތް ފަޅުމަތީގާ، ތިޔަ ކަނބަށް ކަނދުފަތި ބަނީމާ، ވިޔަނުވާހާ ގިނަ ގަލަށް ގޮސް، ތިޔަ އަރާ މުގުރޭނެ އޭ. މާނައަކީ ވަރަށް އަވަހަށް ހަލާކު ވެގެން ދާނެ އޭ
ބަނޑިދޫ ރައްޔިތެއް 

ބަނޑިދޫއިން ވާހަކަ ދެއްކި ކޮންމެ ރައްޔިތަކު ވަނީ ކަރަންޓް ބިލާއި ފެން ބިލު އަދި ތަކެތީގެ އަގު ބޮޑުވަމުންދާ ކަމަށް ބުނެފަ އެވެ. އަދި މިހާރު އެންމެ އަގުބޮޑީ ކަރަންޓް ބިލުކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ. 

އެންމެ ބޮޑު އެއްޗަކީ ކަރަންޓް ބިލު އެއީ އެންމެ ބޮޑު އެއްޗަކީ. އެއްބައި މަސްމަހު ހުރޭ ހަހާސް ރުފިޔާ މިމަހު ހުރީ ހަތްހާސް ރުފިޔާ. ގޭގައި އިންނަނީ ތިން ބުރި އިންނަ އިރު 2 ބުރީގައި މީހުން އުޅެނީ 2 ބުރީގައި މީހުން އުޅުނަސް ގިނަ މަސްމަހު ދާނީ ތިންހާސް ނޫނީ ހަތަރުހާސް ރުފިޔާ
ބަނޑިދޫ ރައްޔިތެއް 

ހަމައެއާއެކު، ބަނޑިދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ އަދި މެންބަރެއް ވެސް ވަނީ އެ ކޮމިޓީއަށް ކަނޑައަޅާފައިވާ ބަޖެޓު ކުޑަވުމުގެ ސަބަބުން އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ބުނެފަ އެވެ. އަދި ކައުންސިލްތަކުގެ ބާރުތައް ސަރުކާރަށް ނަގަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ވަރަށް ދަތި ވަރަށް ދަތި ޑަބްލިއުޑީސީގެ ބަޖެޓަކީ ވެސް ވަރަށް ކުޑަ ބަޖެޓެއް ދެން އަޅުގަނޑުމެން ވަރަށް ގިނަ ކަންތައްތައް އަހަރަށް ޕްލޭންކޮށްގެން މިއަންނަނީ އެކަމަކު ބަޖެޓް ކުޑަ ވީމަ އަސްލު އަހަރެމެންނަކަށް އެކަން ކަމެއް ކުރެވޭ ކަށެއް ނޯވޭ. ދެން ކައުންސިލްއާ ގުޅިގެން އަޅުގަނޑުމެން ކޮންމެ ޕްރޮގްރާމެއް ވެސް މި ހިންގަނީ
ބަނޑިދޫ ޑަބްލިއުޑީސީ ރައީސާ 

މީގެ އިތުރުން، ސަރުކާރުގެ އެކިއެކި ވަޒީފާތަކުން ވަކި ކުރި ގިނަ އަދަދެއްގެ ބަނޑިދޫގެ އާންމު ރައްޔިތުން ވަނީ ހާލު ކިހިނެއް ޕްރޮގްރާމަށް އިންޓަވިއު ދީފަ އެވެ. އެގޮތުން އެ ހުރިހާ ފަރާތްތަކުން ވެސް ވަނީ ވަޒީފާގައި ދެމި ތިބެވޭނީ ޕީއެންސީއަށް ސޮއިކޮށްގެން ކަމަށް އެންގި ކަމަށް ބުނެފަ އެވެ. އަދި އެ ވަޒީފާގައި ދާއިމީ ކުރަން ޗިޓް ފޮނުވި ނަމަވެސް، ފަހުން އެއީ އޮޅިގެން ފޮނުވުނު ޗިޓެއް ކަން އަންގާ ވަޒީފާއިން ވަކި ކުރީ ކަމަށް ވެސް އޭގެން އެކަކު ވަނީ ބުނެފަ އެވެ. 

މީގެއިތުރުން ދ. ބަނޑިދޫ ފާމަސީގައި އެންމެ ފާމަސިސްޓެއް ހުރުމުގެ ސަބަބުން ފާމަސީ ހުޅުވޭނެ ގޮތެއް ފަހިވެގެން ގޮސްފައިނުވާ ކަމަށް ވެސް ބަނޑިދޫއިން ވާހަކަދެއްކި ރައްޔިތަކު ވަނީ މައުލޫމާތު ދީފަ އެވެ. އޭނަ ބުނި ގޮތުގައި ފާމަސިސްޓް ހުންނަން ޖެހެނީ އޮންކޯލް ޑިއުޓީގަ އެވެ. އަދި އޭނަގެ ރަސްމީ މަސައްކަތު ގަޑިއެއް ހަމަޖައްސާފައިނުވާ ކަމަށް އޭނާ ފާހަގަކުރި އެވެ. 

މިއާއެކު، ތަރައްގީގެ މަޝްރޫއުތައް ވެސް މަޑު ޖެހިފައިވާތީ ބަނޑިދޫ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

އެބަހުރި އެތާ ބަނދަރުގައި 6 ހޮޅި އިންނާނެ ބިން ހިއްކަން ވެގެން ޖަހާފައި ނިމުނީ. އެއީ އެމީހުން ތިބޭ ގެކޮޅޯ ވެހިކަލްތައް ބަހައްޓަން ވެގެން ހަދާފައި އިންނަ ތަނެކޯ އެއީ ސައިޓް. އެއީ ކައުންސިލުން 10،000 އަކަފޫޓްގެ ތަނެއް ނަގާފައި
ބަނޑިދޫ ރައްޔިތެއް 

އެންމެ އާދައިގެ ބޭސް ވެސް ގިނަ ފަހަރަށް ނުލިބޭކަން ފާހަގަކޮށް ބަނޑިދޫ ރައްޔިތުން ވަނީ މި ހުރިހާ ކަމެއް ދެން ރަނގަޅު ވާނީ މި ސަރުކާރު ބަދަލުކޮށްގެން ކަމަށް ބުނެފަ އެވެ. އަދި ރައީސް މުއިއްޒު 2 ވަނަ ދައުރަކަށް ނުހޮވޭނެ ކަމަށް ބަނޑިދޫއިން ވާހަކަ ދެއްކި ގިނަ ރައްޔިތުން ވަނީ ބުނެފަ އެވެ.