ދިވެހިރާއްޖެއިން 500 ހެކްޓަރުގެ ބިން ޒައިނިސްޓު ޔަހޫދީން ހިތުހުރި ގޮތެއްހަދަން ހިލޭ ދިނުމަށްފަހު، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލުގެ ވާހަކަ ދައްކާނީ ކޮން ހަމައަކުންތޯ ކުރީގެ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ސުވާލު އުފައްދަވައިފި އެވެ. 

ހޮނިހިރު ދުވަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އިމްރާން ވަނީ ދިވެހި ކާބަފައިންގެ ލެއިން ގުރުބާންވެ މިނިވަންކަން ދަމަހައްޓާފައިވާ ދިވެހިރާއްޖޭގެ ލޮބުވެތި ފަސްގަނޑުން 500 ހެކްޓަރުގެ ބިން ޒައިނިސްޓު ޔަހޫދީން ހިތުހުރި ގޮތެއްހަދަން ހިލޭ ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ. 

އެގޮތުން، މި ބިން ޒައިނިސްޓުންނަށް ދިނުމަށްފަހު،  ގައުމުގެ މިނިވަންކަމާ އިސްތިގުލާލުގެ ވާހަކައާއި އިސްލާމް ދީނުގެ ކަރާމަތާއި ވަހުދަތުގެ ވާހަކަ ދައްކާނީ ކޮން ހަމައަކުންތޯ އިމްރާން ސުވާލު އުފެއްދެވި އެވެ. 

މީގެ އިތުރުން، 

ރަސްމާލޭގައި ހިންގުމަށް މިހާރު ރާވެމުންދާ ކަންކަން ނުހުއްޓި ކުރިޔަށް ހިނގައްޖެނަމަ ދިވެހީންގެ ދަރިންގެ ދަރިންނާއި ޖެހޭއިރު މިރާއްޖޭގެ ކަން ނިންމުމުގެ ބާރު ދިވެހިންގެ އަތުން ގެއްލޭނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. 

ހަމައެއާއެކު، ދިވެހިރާއްޖެ އަޅުވެތި ކުރުމުގެ ސަބަބަކަށް މި ޖީލު ނުވުމަށް އިމްރާން ވަނީ އިލްތިމާސްކުރައްވާފަ އެވެ. 

އިމްރާން މިފަދައިން ވިދާޅުވެފައިވާއިރު، މިވެރިކަމުގައި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަކީ ސަރުކާރުގެ އެންމެ އިސް ސިޔާސަތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި ދިވެހިރާއްޖެއިން ވެލިފުކެއްހާ މިންވަރު ވެސް ބޭރުގެ ބަޔަކަށް ނުދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ. ނަމަވެސް ރަސްމާލެ ތަރައްގީ ކުރަން 500 ހެކްޓަރުގެ ބިން ބޭރުގެ ބަޔަކަށް ދިނުމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. 

އެގޮތުން، "ރަސްމާލެ ވޯޓަރފްރޮންޓް އެންޑް މެރީނާ" މަޝްރޫއު އަކީ ދިވެހިރާއްޖޭގެ އިގްތިސާދީ ތާރީހުގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު އިންވެސްޓްމަންޓްގެ ގޮތުގައި ސަރުކާރުން އަންނަނީ ޕްރޮމޯޓް ކުރަމުންނެވެ. ނަމަވެސް މި މަޝްރޫއު ހަވާލުކޮށްފައިވާ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޔަހޫދީ އިސްރާއީލާ ގާތް ގުޅުމެއް އޮންނަ ފަރާތަކަށް ވުމުންނާއި މި މަޝްރޫއުއާ ގުޅިގެން ސޮއިކުރެވުނު އެއްބަސްވުމުގެ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަނުކުރާތީ ސިޔާސީ ފަރާތްތަކުންނާއި އިލްމުވެރިން އަދި އާންމު ރައްޔިތުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖެ ޔަހޫދީންގެ އަތްމައްޗަށް ދާނެ ކަމަށް ވެސް ގިނަ އަދަދެެއްގެ މީހުން އަންނަނީ ބުނަމުންނެވެ.