ރަސްމާލެ މަޝްރޫއުގެ އިންވެސްޓްމަންޓާ ގުޅޭ މައުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުމަކީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ ބޭރުގެ އިންވެސްޓްމަންޓްތަކަށް އެމަނިކުފާނު ދެކޮޅު ނޫން ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީވެ، މިއަދު މިދެކޭ ފަދަ ބޮޑު ކާމިޔާބީއެއް ހޯދުމުގައި ބޭރުގެ އިންވެސްޓްމަންޓްތަކުން ވަނީ ނުހަނު ބޮޑު ހިއްސާއެއް ވެފައި ކަމަށާއި ނަމަވެސް، ރަސްމާލެ މަޝްރޫއުގެ އިންވެސްޓްމަންޓްތަކާ ގުޅޭ މައުލޫމާތު ހާމަކުރުމުގައި ދެފުށް ފެންނަ އުސޫލެއް ނެތުމަކީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.

މިއީ ގައުމަށް ފައިދާހުރި އިންވެސްޓްމަންޓެއް ނަމަ، އޭގެ ޝަރުތުތަކާއި އެއްބަސްވުންތަކާއި އަދި އޭގެ ސަބަބުން ދިގުމުއްދަތުގައި ނުކުމެދާނެ ނަތީޖާތަކާ ގުޅޭ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް އެނގެންޖެހޭކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއްކަން ގަބޫލުކުރައްވާ ކަމަށެވެ.

ރައްޔިތުންގެ އަޑުއަހައި، އެ މީހުންގެ ކަންބޮޑުވުންތަކަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށާއި ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެއްވެސް ކަމެއް އެމީހުންގެ މައްޗަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ އިގްތިސާދީ ގޮތުން ކިތަންމެ ބޮޑު މަންފާއެއް ލިބެން އޮތް ކަމުގައި ވިޔަސް، ރައްޔިތުންގެ އެދުމާ ޚިލާފަށް ނުވަތަ ދައުލަތުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ ފަދަ އެއްވެސް ކަމަކަށް ޖާގަ ދީގެން ނުވާނެ ކަމަށެވެ. 

މި ސަރުކާރުން ބުނާ ގޮތުގައި އީގަލް ހިލްސް އާއެކު ކޮންޓްރެކްޓް ނެގޯޝިއޭޓްކޮށް، ފައިނަލް ކުރުމަށް ބޭނުންވާ ފްރޭމްވަރކް ހިމެނޭ ކޮމަރޝަލް ޓަރމްސް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.22 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ހުށަހަޅާ މަޝްރޫއުތަކާ ގުޅޭ އުސޫލު، (ޕްރައިވެޓް ސެކްޓަރ އިނީޝިއޭޓެޑް ޕްރޮޕޯޒަލް އުސޫލު، ޕީއެސްއައިޕީ އުސޫލު) ގެ ދަށުންނެވެ.

ނަމަވެސް މި މަޝްރޫއާ ގުޅޭގޮތުން ޝައުގުވެރިކަން ފާޅުކޮށް ފުރަތަމަ އިސްނެގީ ރާއްޖެއިންކަމަށް އަލައްބާރު ވަނީ ވިދާޅުވެފަ އެވެ. މިފަދަ އެތައް ފުށުއެރުންތަކެއް މި މަޝްރޫއާ ގުޅޭގޮތުން ހުރިކަން ފާހަގަކުރެވެ އެވެ.